ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ދުބައިގެ ވެރިޔާ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، ޝާހީ އާއިލާއަށް އަދި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި ހަމްދަރުދީ ވަނީ ފޮނުއްވާފައެވެ.
ޝައިޚް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވަމުން، ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ޢާންމު ޚިދުމަތާއި، ސަލާމަތީ ދާއިރާއާއި، ކުޅިވަރާއި އަދި ޤައުމީ ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާފައެވެ. އަދި ދުބައިގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި ދިގު މުއްދަތެއްގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމަށް ނިހާޔަތެއް ނެތް ރަޙްމަތާއި ދާއިމީ ހަމަޖެހުން މިންވަރުކުރައްވައި، ޖަންނަތުލް ފިރްދައުސްގެ މަތީ ދަރަޖަ ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާކުރައްވަމުންނެވެ.
އޭގެ އިތުރުން، މި ފުން ހިތާމައިގެ ވަގުތުގައި ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި އެމަނިކުފާނުގެ އާއިލާއަށް އަދި ޔޫއޭއީގެ ރައްޔިތުންނަށް ސާބިތުކަމާއި، ކެތްތެރިކަން އަދި ހިތްހަމަޖެހުން ދެއްވުން އެދިވެސް ރައީސް ވަނީ ދުޢާކުރައްވާފައެވެ.
ޝައިޚް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައިވެސް މި އިޙްސާސްތައް ހިއްސާކުރައްވައި ތަޢުޒިޔާ ފޮނުއްވާފައެވެ.
ދުބާއީގެ ވެރިޔާގެ ކޮއްކޯފުޅު ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވީ މިއަދު (ހޯމަ ދުވަހުގެ) ހެނދުނު އެވެ. މިކަމާ ގުޅިގެން ދުބާއީގެ ރޫލަރސް ކޯޓުން ވަނީ މުޅި އެމިރޭޓުގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް އިޢުލާނުކޮށްފައެވެ.
ހޯމަ ދުވަހުން ފެށިގެން މި ހިތާމައިގެ މުއްދަތު ނިމެންދެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ އެކްސް މެދުވެރިކުރައްވައި ކޮއްކޯފުޅުގެ ހަނދާނުގައި ހެޔޮ ދުޢާކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި ދުބާއީގެ ވަލީއަޙްދު ޝައިޚް ޙަމްދާން ބިން މުޙައްމަދުވެސް ވަނީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ފާފަފުއްސެވުމާއި ރަޙުމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!