ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ދ. މީދޫ، އަސަރީގެ، އަހުމަދު ނިޒާމް އައްޔަނުކުރައްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން މޮނީޓާކުރާ އިދާރާ ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ބުނީ، މިއަދުން ފެށިގެން ސްޓެލްކޯގެ ބޯޑަށް އަހުމަދު ނިޒާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރުވެސް ހަ މެންބަރުން ތިއްބަވައެވެ. އެއީ ކުންފުނީގެ ޗެއާމަންގެ އިތުރުން، މެނޭޖިން ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ތިން ނޮން-އެކްޒެކިއުޓިވް ޑިރެކްޓަރުންނެވެ.
އެ ކުންފުނީގެ ބޯޑުގެ އިސް މަގާމުތަކަށް ބަލާއިރު، ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ލަތީފްއެވެ. އަދި މެނޭޖިން ޑިރެކްޓަރު އަދި އެކްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމުގައި ޑރ. އަލީ އަޒުވަރު ހުންނެވިިއިރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ފުރައްވަނީ އައިޝަތު މުޒްނާއެވެ.
މީގެއިތުރުން ސްޓެލްކޯގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ތިން ނޮން-އެކްޒެކިއުޓިވް ޑިރެކްޓަރުންނަކީ އަހުމަދު ހާޝިމްއާއި، މަރިޔަމް ސާޖިދާގެ އިތުރުން އަހުމަދު އަސްލަމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!