ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޢުލީމީ އަދި ޚިދުމަތްތެރި ބޭފުޅެއް ކަމަށްވާ ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެއެވެ.
އުމުރުން 67 އަހަރުގައި އޭނާ އަވަހާރަވީ މިރޭ އައިޖީއެމްއެޗްގައެވެ.
ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
"މަރްޙޫމް ޑރ. މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް. އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު އަލީއަކީ ހޯމް މިނިސްޓްރީ އާއި ކުރީގެ ޕްލޭނިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރެއްވީ ތިމާވެށްޓާ ބެހޭ ބައި އެ މިނިސްޓްރީތަކުގެ ދަށުގައި އޮތް ދުވަސްވަރުގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އޭގެ ފަހުން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ޑރ. މުހައްމަދު އަލީ ފުރުއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
ތިމާވެށީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވި ޑރ. މުހައްމަދު އަލީއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުމުގެ ބަދަލުގައި ގިނައިން ބައިސްކަލްގައި އުޅުއްވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!