ޕޯޗުގަލްގެ އެކި ކަންކޮޅުތަކުން 100،000 މުވައްޒަފުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އަހުލުވެރިކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ޚާއްޞަ ޤައުމީ ހަރަކާތެއް ފެށުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން، ކުންފުނިތަކުން އޭއައި ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އަންނަ މަހު ލެއިރިއާ ސަރަޙައްދުގައި ޕައިލެޓް މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ޕޯޗުގާލްގެ އިޤްތިޞާދީ ވަޒީރު ކާސްޓްރޯ އަލްމެއިޑާ މަޖިލީހުގެ އިޤްތިޞާދީ އަދި ސަރަޙައްދީ އެއްބައިވަންތަކަމާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި، އުފެއްދުންތެރިކަން އިތުރުކުރުމަކީ އެޤައުމަށް ނުހަނު މުހިންމު ކަމެކެވެ. ކުންފުނިތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކަށް އެ ކުންފުނިތަކުން އަމިއްލައަށް ހައްލު ހޯދަންޖެހުނު ނަމަވެސް، އޭއައި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް އޭއައިގެ ބޮޑެތި ތަމްރީނުތައް ހިންގަމުންދިޔަ ނަމަވެސް، ޕޯޗުގާލްގެ އިޤްތިޞާދީ އޮނިގަނޑު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަރަށް ކުދި ކުންފުނިތަކުގެ މައްޗަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުންޏެއްގައި އެވްރެޖްކޮށް އުޅެނީ ތިން މުވައްޒަފުން ކަމަށާއި، މިއީ ވަރަށް ކުޑަ އަދަދެއް ކަމުން އެފަދަ ކުންފުނިތަކުގެ އުފެއްދުންތެރިކަމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އަލްމެއިޑާ ވިދާޅުވިއެވެ.

އަންނަ އޮކްޓޫބަރު މަހު ލެއިރިއާ ސަރަޙައްދުގައި ފަށާ ޕައިލެޓް ތަމްރީނު ސެޝަންގައި ތަފާތު ކުންފުނިތަކުން 100 އެއްހާ މުވައްޒަފުން ބައިވެރިވާނެއެވެ. މިއީ މުޅި ޤައުމަށް މި ތަމްރީނުތައް ފުޅާކުރުމުގެ ކުރިން ނަމޫނާއެއްގެ ގޮތުގައި ހިންގާ ސެޝަނެކެވެ. މީގެއިތުރުން، އުފެއްދުންތެރިކަމުގެ ވަކި ޞިނާޢީ މަސައްކަތްތަކުގައި އޭއައި ބޭނުންކުރެވިދާނެ ގޮތް ބެލުމަށްޓަކައި މަރީނާ ގްރާންޑޭގެ މޯލްޑް-މޭކިންގ ދާއިރާގެ ފަސްވަރަކަށް ނުވަތަ ހައެއްކަ ކުންފުނި ބައިވެރިކޮށްގެންވެސް ޕައިލެޓް ހަރަކާތެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ވަޒީރު އަލްމެއިޑާ ވިދާޅުވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ 100،000 މުވައްޒަފުން އޭއައިއަށް އަހުލުވެރިވެ، އެމީހުންގެ ކުންފުނިތަކުގައި އެ ނިޒާމު ބޭނުންކުރަން ފެށުމަކީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ދަތުރުގައި ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މި ދެ ޕައިލެޓް ހަރަކާތަށްފަހު، މުޅި ޕޯޗުގާލްގައި މި ތަމްރީނުތައް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންނޮވޭޝަން އެންޑް ކޮމްޕެޓިޓިވްނެސް ފައިނޭންޝަލް އިންސްޓްރޫމަންޓް (އައިއެފްއައިސީ) މެދުވެރިކޮށް މެދުފަންތިއާއި ބޮޑެތި ސައިޒުގެ ސަތޭކަޔަށްވުރެ ގިނަ ކުންފުނިތަކަށް މިހާރުވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުންފުނިތަކަށް އޭއައި ތަޢާރަފުކުރުމުގެ ޚާއްޞަ ބޭނުމުގައި 400 މިލިއަނަށްވުރެ ގިނަ ޔޫރޯ ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.