އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބެލެހެއްޓުމަށާއި، އެ ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް "އޭއައި ފޯސް" ގެ ނަމުގައި ޚާއްޞަ ޓާސްކް ފޯހެއް އުފައްދަވައި، އެ މަސައްކަތް ހިންގަވާނެ "އޭއައި ޒާރ" އެއް ވަރަށް އަވަހަށް އައްޔަންކުރައްވާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އިޢުލާނު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް އިއުލާނުކުރެއްވި މި ނިންމެވުމާއެކު، ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކާއި ކަމާބެހޭ ފަރާތްތަކަށް ވަނީ ބޮޑު ޙައިރާންކަމެއް ލިބިފައެވެ.

Ad
rt

ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި އިންގިލާބީ ސިނާއަތުގެ ކުރިއެރުމަށް އެއްވެސް ވަރަކަށް ހުރަސްނާޅުއްވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ސިނާއަތް ކުރިއަރަމުންދާއިރު އެކަމަށް ޤަދަރުކޮށް، އެހީތެރިވެ، ބަލަހައްޓަވާނެ ކަމަށެވެ.

މި ޓާސްކް ފޯސް މަސައްކަތް ކުރާނެ ގޮތާއި، އޭގައި ބައިވެރިވާނީ ކޮންބައެއްކަން އަދި އޭގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކޮބައިކަމުގެ ތަފްސީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ. މި ނިންމެވުމުގެ ކުރިން ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފައި ނުވާކަމަށް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ޕޮލިޓިކޯ" އަށް މަޢުލޫމާތު ދިން އެ ދާއިރާގެ ހަތަރު މަންދޫބަކު ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވަނީ މި ޚިޔާލަކީ ކޮބައިކަމާއި ޓްރަމް ކުރަން އުޅޭކަމެއް އެއްވެސް މީހަކަށް ސާފުނުވާ ކަމަށެވެ.

މި ފިޔަވަޅަކީ އޭއައި ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާތީ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އާންމުންގެ މެދުގައި ބޮޑުވަމުންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ދާއިރާގެ ބައެއް ފަރާތްތަކުން ދެކެއެވެ. ފާއިތުވި ހަފުތާތަކުގައި އޭއައި އުފައްދާ މައި ލެބޯޓްރީތަކުގެ ރިސާޗަރުން ވަނީ މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނިއްޔަތު ނެތިގޮސްދާނެކަމުގެ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. އަދި ޑާރިއޯ އަގާމޮޑެއި، ސޭމް އަލްޓްމަން، އީލޮން މާސްކް އަދި ޑެމިސް ހަސާބިސް ފަދަ އޭއައި ދާއިރާގެ އިސް ވެރިން ވަނީ، ނުރައްކާތަކަށް އެކަށީގެންވާ ހައްލެއް ހޯދެންދެން ޓެކްނޮލޮޖީގެ ކުރިއެރުން މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ.

ޕްރޮގްރެސިވް ޓެކްނޮލޮޖީ އިއްތިހާދު "ޗޭމްބަރ އޮފް ޕްރޮގްރެސް" ގެ ސީއީއޯ އެޑަމް ކޮވާސެވިޗް ވިދާޅުވީ، އޭއައިގެ ސަބަބުން ދުނިޔެއަށް ނުރައްކާވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ބިލާހެއް ކަމަށް ވިދާޅުވުމަށްފަހު، ޓްރަމްޕް މިފަދަ އިޢުލާނެއް ކުރެއްވީ އެކަމާ މެދު އެއްޗެއް ވިދާޅުވާން މަޖުބޫރުވެވަޑައިގަތުމުން ކަމަށެވެ. އަދި މިއަހަރުގެ ކުރކޮޅު ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ އޭއައި ޒާރ ޑޭވިޑް ސެކްސް މަޤާމުން އިސްތިއުފާ ދެއްވި ފަހުން، ވައިޓް ހައުސްއިން އޭއައި ސިޔާސަތުތައް އެކުލަވައިލަމުންދަނީ ވަގުތުން ވަގުތަށް ފެންނަ ގޮތަށް ކަމަށާއި، ސެކްސް ފަދަ އިންތިޒާމުވެގެން މަސައްކަތްކުރާ ލީޑަރެއްގެ އުނިކަން ސަރުކާރަށް ބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޓާސްކް ފޯސްގެ ބޭނުމަކީ އޭއައި ދާއިރާ އުސޫލުތަކެއްގެ ތެރެއިން ރެގިއުލޭޓްކޮށް ގަވާއިދުތައް ހެދުންތޯ ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމަށް ހިތްވަރުދިނުންތޯ މެދުގައިވެސް ދާއިރާގެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ.

މިހާރު ހުރި ޖިނާއީ އަދި މަދނީ ޤާނޫނުތަކުން ގޯސްކޮށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށާއި، އާ ހުއްދަތައް ހޯދަންޖެހޭ ނިޒާމުތަކުގެ ސަބަބުން އެމެރިކާއަށް އެންމެ ބޭނުންތެރި އުފެއްދުންތެރިކަމަށް ހުރަސްއެޅޭނެ ކަމަށް ބައެއްފަރާތްތަކުން ވިދާޅުވެވިއެވެ.