ލ. ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު 31 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށު، ހަޒާރުމާގެ، ޢަބްދުﷲ ޤާސިމް (31އ) އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރުއެވެ. އެގޮތުން ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!