ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ގެ އިތުރު ހަތަރު މެޗެއް އިއްޔެ ކުޅެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޒައިޒީން 1-1 އިން އެއްވަރުވީ ނަމަވެސް، އިއްޔެ އިހްވާން ޖޫނިއާ އާ ދެކޮޅަށް ކުޅުނު މެޗު 1-8ގެ ބޮޑު ތަފާތަކުން ޒައިޒީން ވަނީ ކުރިހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒައިޒީގެ ޖާޒީ ނަންބަރު 8 އާމިނަތު ޒާހިޔާއެވެ. މި މެޗުގައި ޒާހިޔާ ވަނީ ޒައިޒީއަށް 3 ގޯލު ކާމިޔާބުކޮއްދީ ހެޓްރިކް ފުރިހަމަކޮއްފައެވެ.

Ad
rt

މީގެއިތުރުން އިއްޔެ ހަވީރު، ރޯނު ކަނބަލުންނާއި ހޭޅި، ބައްދަލުކުރި މެޗު، 1-7 ގެ ބޮޑު ތަފާތަކުން ރޯނު ކަނބަލުންވަނީ މެޗު ކާމިޔާބުކޮއްފައެވެ. ފޯރިގަދަ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކޮއްފައިވަނީ ރޯނު ކަނބަލުންގެ ޖާޒީ ނަންބަރު 10 މަރިޔަމް ނޫރާއެވެ. މިއީ މުބާރާތުގައި މި މަޤާމް ނޫރާ ހޯދި ދެވަނަ ފަހަރެވެ. އަދި އިއްޔެގެ މެޗުގައި ނޫރާވަނީ އެކަނިމާއެކަނި 6 ލަނޑު ކާމިޔާބުކޮށް، ޑަބަލްހެޓްރިކް ހަދައި ޓީމް މޮޅުކޮއްދީފައެވެ. މި މެޗުގައި ހޭޅިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ ޝައްފާނާ އަޙުމަދެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ރާޅު އަދި އިހްވާން އެފްސީއެވެ. 1-13ގެ ނަތީޖާއަކުން ރާޅު ވަނީ ބޮޑު ކުރިއެއް ހޯދާފައެވެ. މި މެޗުގައި ރާޅުގެ ޖާޒީނަންބަރު 10 ޢަލީ އަލްސަންވަނީ ރާޅަށް 4 ލަނޑު ކާމިޔާބުކޮއްދީ، މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ. މީގެއިތުރުން އެ ޓީމުގެ ޖާޒީނަންބަރު 7 ނުޙާދު ފައުޒީ ވެސް ރާޅަށް 4 ލަނޑު ޖަހައިދީފައިވެއެވެ. މި މެޗުގައި އިހްވާން އެފްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ އެ ޙައްމާދު އަޙުމަދެވެ.

ރޭ ކުޅުނު ފަހު މެޗުގައި ބައްދަލު ކުރީ ރޯނު އެފްސީ އާއި ބިއްލެޑޭ އެފްސީއެވެ. މި މެޗުގައި ވަރުގަދަ ޙަމަލާތަކެއް އަމާޒުކޮށް، ރޯނު އެފްސީން ވަނީ 10-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮއްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ރޯނު އެފްސީގެ ޖާޒީނަންބަރު 30 މުޙައްމަދު އިސާމް ހޮވިފައިވާއިރު އޭނާ ވަނީ މި މެޗުގައި 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މި މެޗުގައި ބިއްލެޑޭ އެފްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ މުޙައްމަދު ޔަފާާއުއެވެ.