2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

Ad
rt

މިއަދު ހެނދުނު ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވުމުގައި މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި، ރައީސް މުޢިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރާ ގުޅިގެން މަތީ މަޖިލީހުގައި މެންބަރުންގެ މެދުގައި ބަހުސްވެސް ކޮށްފައިވެއެވެ.

މަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި އެ މެންބަރަކަށް ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ.

އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވާފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި، ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށްޓަކައި އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.