ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ހަމަޖެއްސުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ތިން ފަހަރު މަތިން ނަގާފައިވާ ލޯނެކެވެ.

ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު 50 މިލިއަން ޑޮލަރު، އެ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު 17 މިލިއަން ޑޮލަރު އަދި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ނަގާފައެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުން ކަމަށް މިއަހަރުގެ މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

Ad
rt

މި ލޯނު ދެއްކުމުގެ ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، "މި ސަރުކާރު ފެށިގެން، މީގެތެރެއިން އެއް 50 މިލިއަން އަޅުގަނޑުމެން ސެޓްލްކުރިން، 7 ޖަނަވަރީ 2024ގައި. ސެޓްލްކޮށްފައި، ބާކީ 100 މިލިއަން މިއައީ، އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ރޯލްއޯވަރ ކުރަމުން. އައިސް، މިއަދު ޕޭކުރަން އޮތް، މީގެތެރެއިން 50 މިލިއަން، މިއަދު މި ޕޭކުރީ. އެހެންވީމާ، ބާކީ އޮންނާނީ، އިތުރު 50. އެއީ، 17 ސެޕްޓެންބަރުގައި ޕޭކުރަން ޖެހޭނީ. އިރާދަކުރެއްވިއްޔާ، 17 ސެޕްޓެންބަރުގައި އެ 50ވެސް އަޅުގަނޑުމެން ޕޭކޮށް ނިންމާނަން. އެހެންވީމާ، މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި، 150 މިލިއަންގެ ދަންތުރައިން، އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް މި ނިންމުނީ."

ސަރުކާރުން އަދާކުރަންޖެހޭ ދަރަނިތައް ދަރަނި ދެއްކުމުގެ ބޭނުމަށް އިތުރު ދަރަންޏެއް ނެގުމަކާ ނުލައި ދަނީ ދައްކާ ޚަލާސްކުރަމުންނެވެ. މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

މިގޮތުން ދަރަނި ދެއްކުމަށް ކުރެވުނު ހޭދައިގެ ތެރޭގައި، މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުން ހިމެނެއެވެ. މިއީ ރާއްޖެއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި އެއްފަހަރާ ދެއްކި ފަހަރުކަން ސަރުކާރުން ފާހަގަކުރެއެވެ. މީގެއިތުރުން، މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ އަދަދު ނިމިދިޔަ ދެ ސަރުކާރަށް ވުރެ އިތުރު ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އަނބުރާ ދައްކާފައިވަނީ 191 މިލިއަން ޑޮލަރު ކަމަށާއި، ނިމިދިޔަ ރައީސް ޞާލިޙުގެ ސަރުކާރުގައި އެ މުއްދަތުގައި ދައްކާފައިވަނީ 428 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ބުނެއެވެ. އަދި ސަރުކާރުން ވަނީ ދަރަނިތައް އަނބުރާ ދެއްކުމަށް ރިޒާވުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ބޭނުންކުރަމުންދާ ކަމަށްވެސް ބުނެފައެވެ.