އިނގިރޭސި ޕްރިމިއާ ލީގު (އީޕީއެލް) ގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން އާ ސީޒަނުގެ ފުރަތަމަ މެޗުގައި ކަވެންޓްރީ ސިޓީ 3-0 އިން ބަލިކޮށް، ވަރުގަދަ ފެށުމެއް ހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ވާދަކުރި ކަވެންޓްރީއަކީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް) ގެ ޗެމްޕިއަން ޓީމެވެ. މިއީ 25 އަހަރުގެ ދިގު މުއްދަތަކަށް ފަހު ކަވެންޓްރީން އީޕީއެލްގައި ކުޅުނު ފުރަތަމަ މެޗެވެ. ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެ ޓީމުން ދެވަނަ ޑިވިޝަނުގެ ތަށި ހޯދިއިރު، މިއީ ފާއިތުވި 59 އަހަރު ތެރޭގައި އެ ކްލަބަށް އެ ތަށި ލިބުނު ފުރަތަމަ ފަހަރެވެ.

Ad
rt

މެޗު ފަށައިގެން ފުރަތަމަ ކޮޅުގައި އާސެނަލުން ވަނީ ކަވެންޓްރީގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާކޮށްފައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި 50 މިލިއަން ޑޮލަރުގެ ފީއަކަށް ކްލަބް ބްރޫޖުން އާސެނަލްއާ ގުޅުނު ކްރިސްޓޯސް ޒޯލިސް ފޮނުވާލި ހަމަލާއެއް ހުރަސްދަނޑި މަތިން ދިޔައިރު، އޭނާގެ ބައެއް އެހެން ހަމަލާތައް ކަވެންޓްރީގެ ޑިފެންޑަރުން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އާސެނަލުން މެޗުގެ ލީޑު ނެގީ 15 ވަނަ މިނިޓުގައެވެ. މިއީ އެ ޓީމުގެ ރިކާޑޯ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތަކުން ކައި ހަވާޓްޒް ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ އަށް މިނިޓް ފަހުން، މެޗުގެ 23 ވަނަ މިނިޓުގައި އާސެނަލުން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. ޑެކްލަން ރައިސް ދިން ބޯޅައަކުން ޒޯލިސް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކަވެންޓްރީގެ ކީޕަރު ކާލް ރަޝްވޯތުގެ އަތުގައި ޖެހިފައި ލިބުނު ބޯޅަ، ބުކާޔޯ ސަކާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ، އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. މިއީ ބެން ވައިޓް އޭރިއާ ތެރެއަށް ވަދެ ނެގި ހުރަހަކުން އޮޑެގާޑް ޖެހި ޝޮޓެކެވެ. އެ ބޯޅަ އޮޑެގާޑްގެ ފަޔަށް އެންމެ ރަނގަޅަށް ނޭރުނު ނަމަވެސް، ކީޕަރު ރަޝްވޯތުގެ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށް ވަދެފައެވެ. އޭގެ ފަހުން ވެސް ޒޯލިސް އާއި މިކޭލް މެރީނޯ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ކީޕަރު ރަޝްވޯތު ވަނީ ހުއްޓުވާފައެވެ.

މެޗުގެ ފަހުބައިގައި ކަވެންޓްރީން ބަދަލުތަކެއް ގެނެސްގެން ކުޅުން ރަނގަޅުކުރިއެވެ. ކޯޗު ލަމްޕާޑް ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެ ކްލަބާ އަލަށް ގުޅުނު ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ދީފައެވެ. ކަވެންޓްރީއަށް ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ 85 ވަނަ މިނިޓުގައެވެ. ނަމަވެސް ޖެކް ރުޑޯނީ ބޮލުން ފޮނުވާލި އެ ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އާސެނަލުން އީޕީއެލްގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން މޮޅުވި މިއީ ފަސްވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ އީޕީއެލް ޗެމްޕިއަންކަން އާސެނަލުން ހޯދީ 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.

ރޭގެ މެޗުގައި ލަނޑު ޖެހި ކައި ހަވާޓްޒް ވަނީ އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފަހު ހަތަރު މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. މިއީ ކުރިން ޗެލްސީއަށް ކުޅުނު ހަވާޓްޒްއަށް އިނގިރޭސި ފުޓްބޯޅައިގައި މިފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.