ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ. ނަމަވެސް މި މެޗަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެ، މާޔޫސްކަމާ ކުރިމަތިލާންޖެހުނު މެޗެކެވެ.

ލެއިރިއާގައި ބުދަ ދުވަހު ކުޅުނު މި މެޗުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ދެ ހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހަމައެކަނި ގޯލްކީޕަރު ބީޓްކޮށްލަން ލިބުނު މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ހަދާފައިވާ 143 ލަނޑުގެ ރެކޯޑަށް އިތުރު ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ.

Ad
rt

މި މެޗުގައި ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ބަދަލުކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މެޗު ފެށި އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ ގިނަ ވަގުތު ރޮނާލްޑޯއަށް ދަނޑުމަތީގައި ހޭދަކުރުމުގެ ފުރުސަތު ކޯޗު ދިނެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޕޯޗުގަލްއަށް ކުރިހޯދައިދިނީ 23 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯއެވެ. ނަމަވެސް 37 ވަނަ މިނެޓުގައި ނައިޖީރިއާގެ އަކޯ އެޑަމްސް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ނައިޖީރިއާއަކީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވާ ގައުމެކެވެ.

ޕޯޗުގަލް މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފްރެންސިސްކޯ ކޮންސެއިސާއޯއެވެ. އޭނާ މި ލަނޑު ޖެހީ ކަނާތްފަރާތުން އަރައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ކޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކޮންގޯ، އުޒްބެކިސްތާން އަދި ކޮލަމްބިއާއެވެ.