ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި 37 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އެ ކުންފުނީގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރ މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މުޙައްމަދު އިބްރާހީމް އެ ކުންފުންޏަށް ޚިދުމަތް ކުރެއްވީ ޖުމްލަ 37 އަހަރާއި 7 މަސްދުވަހުއެވެ.

Ad
rt

އޭނާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރުގެ މުހިންމު މަޤާމުގައެވެ.

މުޙައްމަދު އިބްރާހީމްގެ ބަލި ހާލަތު މިވަގުތު ހުރި ގޮތުން، ކުންފުނީގެ ރިޓަޔަރމަންޓް ރަސްމީ ހަފްލާގައި އޭނާއަށް ބައިވެރިވެވަޑައިގެންނެވެން ނެތުމާ ގުޅިގެން، ކުންފުނީގެ އިސްވެރިން ވަނީ އޭނާގެ ގެއަށް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ މުޙައްމަދު އިބްރާހީމްގެ ގެއަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވާފައެވެ.

މި ޒިޔާރަތުގައި، ކުންފުނީގެ މެނޭޖްމަންޓުން ވަނީ މުޙައްމަދު އިބްރާހީމް ކުންފުނީގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ސްޓެލްކޯއިން ބުނީ އޭނާއަކީ ކުންފުނީގެ ކުރިއެރުމަށް ނުހަނު އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.