އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި، ރީޗާޖް ކުރުމާއި، އެޑް-އޯންތައް ގަތުމުގެ ކަންކަން ފަސޭހަކަމާއެކު އޮޓޮމެޓިކުން ކުރެވޭނެ އައު "އޮޓޯޕޭ" ފީޗާއެއް އެ ކުންފުނީގެ އެޕް މެދުވެރިކޮށް އިއްޔެ ތަޢާރަފުކޮށްފިއެވެ.
މިއީ ކޮންމެ ދުވަހަކު ބޭނުންކުރާ މުވާސަލާތީ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.
މި ފީޗާގެ އެހީގައި ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚަކާއި ވަގުތެއްގައި އޮޓޮމެޓިކުން ފައިސާ ދެއްކޭގޮތަށް ތާވަލުކުރެވޭނެއެވެ. މަހު ބިލަށް ފައިސާ ދެއްކުން ކަމުގައި ވިޔަސް، ޕްރީޕެއިޑް ރީޗާޖްކުރުން ކަމުގައި ވިޔަސް، ނުވަތަ ބޭނުންވާ އެޑް-އޯނެއް ގަތުން ކަމުގައި ވިޔަސް، އެއް ފަހަރު މި ސެޓިންގް ހަމަޖައްސާލުމުން ދެން ހުރިހާ ކަމެއް އޮޓޮމެޓިކުން ކުރިއަށްގެންދާނީ އުރީދޫ އެޕުންނެވެ.
މި ފީޗާގެ ސަބަބުން ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ނުވަތަ ކުރަންޖެހޭ ރީޗާޖްތައް ހަނދާން ކުރަންޖެހޭ އުނދަގުލުން ސަލާމަތްވެ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އޮޓޯޕޭގެ އެކި އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ގޮތެއް އިޚްތިޔާރުކޮށް، އޮޓޮމެޓިކުން ކުރާ މުޢާމަލާތްތައް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މެނޭޖްކުރުމުގެ ޤާބިލުކަން ވެސް ކަސްޓަމަރުންނަށް ލިބެއެވެ.
އޮޓޯޕޭގެ ޚިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި، ކަސްޓަމަރުން ކުރާ މުޢާމަލާތެއްގެ ތެރެއިން އެ މީހުން ބޭނުންވާ ކާޑު ސޭވްކޮށްލުމަށްފަހު، އުރީދޫ އެޕްގެ "މޯ" މެނޫއިން އޮޓޯޕޭ ސެކްޝަނަށް ގޮސް، އޮޓޮމެޓިކުން ކުރިއަށްގެންދަން ބޭނުންވާ ޚިދުމަތާއި ތާވަލު އިޚްތިޔާރުކޮށްލުމުން ފުދޭނެއެވެ. މިއީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން އެޅި މުހިންމު ފިޔަވަޅެކެވެ.
އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި، ކަސްޓަމަރުންނަށް މިއަދުވެސް އުރީދޫ އެޕް މެދުވެރިކޮށް އޮޓޯޕޭ ސެޓްއަޕް ހަދާލައިގެން، ބިލްތަކަށް ފައިސާ ދައްކަން ހަނދާން ނެތުމުގެ އެއްވެސް ފުރުޞަތެއް ނެތް ގޮތަށް މި ޚިދުމަތް ބޭނުންކުރަން ފެށޭނެއެވެ. މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އުރީދޫގެ ވާޗުއަލް އެސިސްޓަންޓް "އެވީ" (https://ore.do/evee)އާ ޗެޓްކޮށްލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!