ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު މީސް މީޑިއާގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި އެ ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްޢާން މި ތުހުމަތުތައް ކުރައްވާފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތަކެއްގެ ހުކުމް އިއްވުމުގެ މަޖިލިސް ފެށެން ކުޑަތަންވެފައި ވަނިކޮށެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގެ އިތުރުން ބައެއް ޓީވީ ޗެނަލްތަކަށް ވާހަކަދައްކަމުން ޝަމްޢާން ވަނީ ރައީސް މުޢިއްޒުގެ އިތުރުން ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ވެސް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް.@mundhu_maldives @thefeed_mv
— Mohamed Hussain Shareef (@MvSpokesperson) June 9, 2026
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މީހާ ބަންދުން ދޫކޮށްލިކަމަށް ތުހުމަތުވާ މައްސަލާގައި ޝަމްޢާންގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޝަމްޢާން 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމްގައި ހިމެނެނީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގެ ފަހަތުގައިވަނީ މިދިޔަ އަހަރުގެ މާޗް މަހު ހިނގި ހާދިސާއެކެވެ. އިމިގްރޭޝަނުން 500,000 ރުފިޔާއާއެކު ހިފެހެއްޓި ބިދޭސީއަކު، ޝަމްޢާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާ އަތުލައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޝަމްޢާންގެ ގެއަށް ގެންދިޔަ ކަމަށް ތަހުގީގަށް ވަނީ ސާބިތުވެފައެވެ. މި މައްސަލައާ ގުޅިގެން ޝަމްޢާން ވަނީ އޭރު މަގާމުން ވަކިކޮށް ހައްޔަރުކޮށްފައެވެ.
ޖަލު ހުކުމުގެ އިތުރުން، ޝަމްޢާން ފޭރުނު ފަސް ލައްކަ ރުފިޔާ އަނބުރާ ދެއްކުމަށާއި، އިތުރު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދައުލަތުން އެދިފައިވަނީ ކޮންމެ ދައުވާއެއްގައި ވެސް ދެވޭނެ އެންމެ ބޮޑު އަދަބު ދިނުމަށެވެ.
ޝަމްޢާންގެ ފަރާތުން ޖަލު އަދަބު އެހެން ބާވަތުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ އަދަބުގެ ބާވަތް ބަދަލުނުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!