މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގެ ތިންވަނަ ދުވަހު، ޙައްޖުވެރިން ޙައްޖުގެ މައިގަނޑު ފަސް އަޅުކަމެއް އަދާކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ޖަމްރާއަށް ހިލަ އުކުމާއި، ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށުމާއި، ހަދްޔު ކަތިލުމުގެ އިތުރުން ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ތަވާފުލް އިފާޟާ އާއި ސަޢުޔު ކުރުން ހިމެނެއެވެ.
މުޒްދަލިފާގައި ރޭކުރުމަށްފަހު، ޙައްޖުވެރިން ބުދަ ދުވަހުގެ ހެނދުނު މިނާއަށް ޖަމާވީ ހިލަ އުކުމުގެ އަޅުކަން އަދާކުރުމަށެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ދުވަހުގެ އަޅުކަން ނިންމުމަށްފަހު، ގަދަ ހޫނުގެ ތެރޭގައި ޙައްޖުވެރިން ވަނީ ޝައިޠާނާއަށް ހިލަ އުކުމުގެ ރަމްޒީ އަޅުކަން ފަށާފައެވެ. މިއީ ޙައްޖުގެ ފަހު ދުވަސްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ފާހަގަކުރާ އަޟްޙާ ޢީދު ނުވަތަ ޔައުމުއް ނަޙްރުގެ ފެށުމެވެ.
މިނާއަށް ދިއުމަށްފަހު ޙައްޖުވެރިން ވަނީ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް ޖަމްރަތުލް ޢަޤަބާއަށް ހަތް ހިލަކޮޅު އުކާފައެވެ. ޖަމްރާތު ބްރިޖް ކޮމްޕްލެކްސްގައި މި އަޅުކަން ކުރިއަށްދިޔައީ ވަރަށް ތަރުތީބުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. ހިލަ އުކަން ފެށުމާއެކު ޙައްޖުވެރިން ތަލްބިޔާ ކިޔުން ހުއްޓާލައި، ތަކްބީރު ކިޔަން ފަށާފައިވެއެވެ.
ސައުދީ ސަރުކާރުން ވަނީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމްބިއުލަންސް، ސިއްހީ ޚިދުމަތްތެރިން، އަދި ސަލާމަތީ ބާރުތަކުން ދަނީ ޙައްޖުވެރިންގެ ހަރަކާތްތައް ބަލަހައްޓަމުންނެވެ. ޖަމްރާތު ބްރިޖްގެ އެކި ފަންގިފިލާތަކުގައި ތޮއްޖެހުމެއް ނެތި ހިލަ އުކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަލާމަތީ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
ހިލަ އުކުމަށްފަހު ޙައްޖުވެރިން ވަނީ ހަދްޔު ކަތިލުމާއި، ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށައިގެން ފުރަތަމަ ތަޙައްލުލުވެފައެވެ. އޭގެ ފަހުން އާންމު ހެދުމަށް ބަދަލުވެ، މައްކާއަށް ގޮސް ތަވާފުލް އިފާޟާ އާއި ސަޢުޔުގެ އަޅުކަން ފުރިހަމަކުރާނެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ޙައްޖުވެރިން ކުރަންޖެހޭނެ ކަމަކީ ކޮންމެ ދުވަހަކު ތިން ޖަމްރާއަށް ހިލަ އުކުމެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުން އައި 1,546,655 ޙައްޖުވެރިންނާއި، ސައުދީގެ އެތެރޭގެ 160,646 ޙައްޖުވެރިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!