މިއަހަރުގެ ޙައްޖު މޫސުމުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވުމަށާއި، އަޟްޙާ ޢީދު ނަމާދުގެ ޚުޠުބާ ދެއްވުމަށް މަޝްހޫރު ޢިލްމުވެރި އާއިލާއެއްގެ ބައްޕައަކާއި ދަރިއަކު ހަމަޖައްސައިފިއެވެ.
ސައުދީ ރަސްކަމުގެ ރޯޔަލް ކޯޓުން ނިންމަވާފައިވަނީ މިއަހަރުގެ ޢަރަފާތް ދުވަހު މަސްޖިދު ނަމިރާގައި ޚުޠުބާ ދެއްވުމަށް، މަދީނާގެ މަސްޖިދުއްނަބަވީގެ އެންމެ ދުވަސްވީ އެއް އިމާމު ކަމުގައިވާ ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއެވެ. ހަމައެއާއެކު، އެމަނިކުފާނުގެ ދަރިކަލުން ޝައިޚް އަޙްމަދު އަލްޙުޛައިފީ، މަދީނާގެ މަސްޖިދުއްނަބަވީގައި އަޟްޙާ ޢީދު ނަމާދު އިސްވެ ކުރައްވައި ޢީދު ޚުޠުބާ ދެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މިއީ އަލްޙުޛައިފީގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ތާރީޚީ އަދި އަސަރުގަދަ ޝަރަފެކެވެ. މަސްޖިދުއްނަބަވީގައި އެތައް ދުވަހެއް ވަންދެން އިމާމުވެ ނަމާދު ކުރައްވައި، އިސްލާމީ އުންމަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ޝައިޚް ޢަލީ އަލްޙުޛައިފީއަށް ޢަރަފާތް ބިމުގައި ޚުޠުބާ ދެއްވުމުގެ ފުރުޞަތު ދެއްވުމަކީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި މުހިންމު ނިންމުމެކެވެ.
މީގެ އިތުރުން، ބައްޕަ ޢަރަފާތް ބިމުގައި ހުންނަވައި މުޅި އުންމަތަށް ނަޞޭޙަތް ދެއްވާއިރު، ދަރިކަލުން މަދީނާގެ މާތް ބިމުގައި ޢީދު ޚުޠުބާ ދެއްވުމަށް ހަމަޖެހުމަކީ، އިސްލާމީ ޢިލްމާއި ލީޑަރޝިޕް އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުންދާކަން ރަމްޒުކޮށްދޭ ރީތި މިސާލެކެވެ.
ޢަރަފާތް ދުވަހުގެ ޚުޠުބާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ، ސުލްހައާއި، އެއްބައިވަންތަކަމާއި، ދީނީ އިރުޝާދުތައް ފޯރުކޮށްދޭ ވަރަށް މުހިންމު މެސެޖެކެވެ.
ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރު، އެއް އާއިލާއެއްގެ ބައްޕައަކާއި ދަރިއަކަށް މިފަދަ ބޮޑު ދެ މަސްއޫލިއްޔަތެއް އެއްފަހަރާ ހަވާލުކުރެވުމަކީ އިސްލާމީ ތާރީޚުގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރަށް ޚާއްޞަ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!