މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން، އަރިދަފުސްރޯގާ އަދި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށްވުރެ އިތުރުވަމުންދާތީ، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ބަލިތަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ބުނީ މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މިވަގުތު ވަރަށް މުހިއްމު ކަމަށެވެ.

Ad
rt

މިކަންކަން ބަޔާންކޮށް އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމަށްވުމާއެކު، ރާއްޖޭން ބޭރަށާއި ރަށްރަށަށް ދަތުރުކުރުން އިތުރުވެ، މީހުން އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކުރުން ގިނަވާނެއެވެ. އެހެންކަމުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން، ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހުންއައިސް ނޭވާލާ ނިޒާމުގެ ބަލިތަކުގެ އަލާމާތް ހުރިނަމަ ގޭގައި މަޑުކުރުމަށާއި، އާންމު އެއްވުންތަކަށް ނުދިއުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ޞިއްޙީ ފަރުވާ ހޯދަންދާއިރު މާސްކް އެޅުމަށާއި، އަތް ދޮވުމާއި ސެނިޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ބުނެފައެވެ. ވަކިން ހާއްސަކޮށް ހިމަބިހީގެ އަލާމާތެއް ފެނިގެން ޓެސްޓުކޮށްފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވެސް ވަނީ އަންގާފައެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމުގެ އިތުރުން ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އެދިފައެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އައިޖީއެމްއެޗްގައި މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ. މި ޑެސްކުން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް އެހީތެރިކަން ލިބޭނެއެވެ. "ހުމާއި ރަތްބިހީގެ އަލާމާތެއް ހުރި ނަމަ، އެހީތެރިކަން ހޯދުމަށް" ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި އެ ގަޑީގެ ފަހުންނާއި ކުޑަކުދިންގެ ފަރާތުން އަލާމާތް ފެނިއްޖެނަމަ، އިމަޖަންސީ ރޫމްގެ ޓްރިއަޖް ނަރުހުންނަށް އެކަން އެންގުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.