ކުރިއަށް އޮތް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ގުޅިގެން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އަޅައިދޭނެ ގަޑިތައް މިއަދު އާންމުކޮށްފިއެވެ.
އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޝެޑްތަކުން ޚިދުމަތް ދޭނެ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
އެފްއެސްއެމުން ބުނި ގޮތުގައި އަތޮޅުތަކުގެ އަށް ރަށެއްގައި ހުންނަ އެ ކުންފުނީގެ ޝެޑްތަކުން ޙައްޖު ދުވަހާއި ޢީދު ދުވަހު ޚިދުމަތް ދޭނީ މެންދުރުފަހު 14:30 އިން ރޭގަނޑު 23:00 އަށެވެ. މި ބަދަލު އަންނާނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ފ. ނިލަންދޫ، ދ. މީދޫ އަދި ދ. ކުޑަހުވަދޫ އެވެ.
މާލެ ސަރަހައްދުގައި 24 ގަޑިއިރު ޚިދުމަތް ދޭ ޝެޑްތަކުގެ ތެރެއިން ހުޅުމާލެ ފޭސް 1 ގެ ޕެޓްރޯލް ޝެޑާއި، މާލެ ސްޓެލްކޯ ކައިރީ ހުންނަ ޝެޑް ޙައްޖު ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 އަށް ބަންދުވާނެއެވެ. އަދި ޢީދު ދުވަހު ހެނދުނު 6:00 އިން މެންދުރު 14:00 އަށް އެ ޝެޑްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ވަގުތުތަކަށް ފަހު އެ ތަންތަނުން އާންމުކޮށް ދޭ 24 ގަޑިއިރުގެ ޚިދުމަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން ތިލަފުށި، އައްޑޫ ސިޓީ ގަން، ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ ޝެޑްތަކުން މި ދެ ދުވަހު ޚިދުމަތް ދޭނީ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ.
މާލެ ސަރަހައްދުގައި ހުރި އީޒީ ފިލް 2 އަދި އީޒީ ފިލް 4 އިން ޚިދުމަތް ދޭނީ މެންދުރު 14:00 އިން ރޭގަނޑު 23:00 އަށެވެ.
އެފްއެސްއެމުން އިތުރަށް ބުނި ގޮތުގައި، މިފްކޯގެ ފެސިލިޓީތަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ތަންތަން ޙައްޖު ދުވަހާއި ޢީދު ދުވަހު މުޅިން ބަންދުވާނެއެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި ސ. ހުޅުދޫމީދޫގައި ހުންނަ ތެޔޮ ފޯރުކޮށްދޭ ތަންތަނުން އެ ދެ ދުވަހު ޚިދުމަތެއް ނުލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!