ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންގޮސް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ.
މެންބަރު ފަރުހަތު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ 20 މޭ 2026 ވީ ބުދަ ދުވަހު އެމަނިކުފާނާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މިހާރުގެ ހާލަތާއި، ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ރައްޔިތުން އެދޭ ހަލުވިމިނުގައި ކުރިއަށް ނުދާތީ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ބޯހިޔާވެހިކަމާއި އަސާސީ ޚިދުމަތްތަކުގެ މަޝްރޫޢުތައް
މި ބައްދަލުވުމުގައި މެންބަރު ފަރުހަތު ވަނީ ކުޅުދުއްފުށީގެ ރައްޔިތުން އެންމެ ބޮޑަށް އުއްމީދުކުރާ 400 ހައުސިންގ ޔުނިޓާއި 2000 ހައުސިންގ މަޝްރޫޢުގެ ވާހަކަ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން، ކުޅުދުއްފުށީ ސިޓީ އެއާޕޯޓް އިތުރަށް ތަރައްޤީކުރުމާއި، އެއާޕޯޓް ފެންސްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަށްވާފައެވެ.
އަދި ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، މަސައްކަތް ހުއްޓިފައިވާ އިންޖީނުގޭގެ އާ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށާއި، މާލެއެކޭ އެއްފަދައިން އެއްބޭންޑެއްގެ ދަށުން ފެނުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ޞިއްޙަތާއި ތަޢުލީމީ ދާއިރާގެ ތަރައްޤީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން، މެންބަރު ފާހަގަކުރެއްވީ ސިޓީގެ ސުކޫލްތަކުގައި ނުނިމި ހުރި މަޝްރޫޢުތައް ނިންމުމާއި ކުލާސްރޫމުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މުހިންމުކަމެވެ.
މީގެ އިތުރުން، އާރު.ޑީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢާއި، ޓިވެޓް ސެންޓަރ، ދަމަނަވެށި، އަދި ހިރަފުސް ދަނޑުގެ މަސައްކަތްތަކުގެ އިތުރުން އެފް.އެސް.އެމްގެ ފިއުލް ސެޑާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ވެސް ރައީސްގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.
މެންބަރު ފަރުހަތު ވިދާޅުވީ، މި ހުރިހާ މަޝްރޫޢުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށެވެ. މެންބަރުގެ އުންމީދަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މި ހުރިހާ ކަމެއް ވީއެންމެ އަވަހަކަށް ފުރިހަމަވެގެން ދިއުންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!