އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ޝަރުތުތަކަށް އަމަލުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި، އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައިވަނީ އީރާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރިޒާ ތަލާއީ-ނިކް، މެއި 23، 2026 ގައެވެ.

Ad
rt

ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕް މިހާރު ވަނީ ހަނގުރާމައިގެ "ޗަކަގަނޑެއްގައި" ބެދިފައެވެ. އަދި ތެހެރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ބޯލެނބުން ނޫން ގޮތެއް އެމެރިކާއަށް ނެތް ކަމަށާއި، އެހެން ނޫންނަމަ މިއަށްވުރެ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ 14 ނުކުތާގެ ހުށަހެޅުން

އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނާއި ގަތަރު މެދުވެރިކޮށް އެގައުމުން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގެ އޮނިގަނޑު އެމެރިކާއަށް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިން ދީފައިވާ ބްލޮކޭޑް އުވާލުމާއި، ސްޓްރެއިޓް އޮފް ހޯމޫޒްގެ ކޮންޓްރޯލް އީރާނަށް ދިނުމާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އީރާނުގެ ބައިވެރިއެއް ކަމަށްވާ ލެބަނަންގެ ހިޒްބުﷲ ހިމެނުމާއި އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރުން ހިމެނެއެވެ.

ރައީސް ޓްރަމްޕް ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެފަރާތުގެ ދެމެދުގައި އޮތް ދެބަސްވުންތައް ކުޑަވަމުންދާ ކަމަށެވެ. އައު އެއްބަސްވުމުގެ ޑްރާފްޓް ކިޔާފައިވާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް މައްސަލަތަކަށް ހައްލެއް ލިބުމާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ވިދާޅުވީ، އޮޕަރޭޝަން އެޕިކް ފިއުރީގެ ދަށުން އެމެރިކާއިން ބޭނުންވި އަސްކަރީ ލަނޑުދަނޑިތައް މިހާރުވެސް ހާސިލްކޮށްފައިވާ ކަމަށެވެ.

"ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ހުރިހާ ބާރެއް އެބައޮތް، އަދި ހުރިހާ ގޮތްތަކެއް ވަނީ ހުޅުވާލެވިފައި" އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމާ މެދު ފަހުގެ ނިންމުމެއް ނިންމެވުމުގެ ކުރިން، ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، ތުރުކީ އަދި ޕާކިސްތާނުގެ ލީޑަރުންނާއެކު ރައީސް ޓްރަމްޕް މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.