ތުރުކީގެ އިދިކޮޅު މައި ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ މިހާރުގެ ލީޑަޝިޕް ސަސްޕެންޑްކޮށް، އެ ޕާޓީގެ ކުރީގެ ލީޑަރު ޕާޓީ އާއި ހަވާލުވުމަށް އަންކާރާގެ ކޯޓަކުން އަމުރުކޮށްފިއެވެ.
މި ނިންމުމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ.
އަންކާރާގެ ކޯޓުން ނެރުނު އަމުރުގައި ވަނީ ސީއެޗްޕީގެ މިހާރުގެ ޗެއާމަން އޮޒްގޫރް އޮޒެލް އާއި އޭނާގެ ޓީމު ވަގުތީ ގޮތުން މަގާމުން ދުރުކޮށް، އެ މަގާމަށް ކުރީގެ ލީޑަރު ކަމާލް ކިލިޗްދަރޮގްލޫ އާއި އޭނާގެ ބައިވެރިން އައްޔަންކުރުމަށެވެ.
ކޯޓް އޮފް އެޕީލްސްއިން ބުނި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮޒެލް އިންތިޚާބުވި ޕާޓީގެ 38 ވަނަ އާންމު މަޖިލީހަކީ، ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން ބާތިލު މަޖިލީހެކެވެ.
މި ނިންމުމުގެ ސަބަބުން އެ ތާރީޚަށް ފަހު ބޭއްވި ޕާޓީގެ ހުރިހާ އާންމު އަދި ޚާއްޞަ މަޖިލިސްތަކެއް ވެސް ބާތިލުވާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވުނު އެކްރެމް އިމާމޮގްލޫގެ ކެންޑިޑެސީއަށް ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. އިމާމޮގްލޫ މިހާރު ހުންނެވީ ކޮރަޕްޝަނާއި ޓެރަރިޒަމަށް އެހީތެރިވުން ފަދަ ތުހުމަތުތަކުގައި ޖަލަށް ލާފައެވެ. އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
މި ނިންމުމާ ގުޅިގެން ސީއެޗްޕީގެ ޑެޕިއުޓީ ޗެއާމަން ގޯކާން ޒޭބެކް ވިދާޅުވީ، ސަރުކާރުގެ އިރުޝާދުގެ ދަށުން ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަކީ އެ ޕާޓީން ބަލައިގަންނާނެ ނިންމުންތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އަންކާރާއަށް. ގައުމުގެ ރައްޔިތުންނާއި ޕާޓީގެ ގުނަވަންތަކުން އަޅުގަނޑުމެންނާ ހަވާލުކުރި މައި މަރުކަޒުގެ ދިފާއުގައި އަޅުގަނޑުމެން ތެދުވާނަން،" ޒޭބެކް ވިދާޅުވިއެވެ.
އަނެއްކޮޅުން ކުރީގެ ލީޑަރު ކިލިޗްދަރޮގްލޫ ވަނީ އަލުން މަގާމާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ނިންމުމަކީ ތުރުކީއަށާއި ސީއެޗްޕީއަށް ފައިދާހުރި ނިންމުމަކަށް ވުމަށް އެދޭ ކަމަށެވެ. ކިލިޗްދަރޮގްލޫއަކީ 2010 އިން 2023 އަށް ޕާޓީގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ތުރުކީގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ ސީއެޗްޕީއަކީ ފަހަކަށް އައިސް ބޭއްވި އިންތިޚާބުތަކުގައި ވެރިކަންކުރާ އޭކޭޕީގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޕާޓީއެކެވެ.
މި ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕާޓީއަށް ދެ ހަފުތާގެ މުއްދަތެއް ލިބިގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!