އިންޑިއާގެ ރިޒާވް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ޚަލާސްކޮށްފިއެވެ.
މި ލޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ރޭ އާންމުކުރި ބަޔާނެއްގައިވާގޮތުން މި ފައިސާ ދައްކައި ޚަލާސްކުރުމާއެކު، އިންޑިއާއިން ވަނީ ރާއްޖެއަށް އިތުރު 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ދިނުމަށް ވެސް ނިންމާފައެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ސަރުކާރުން މިހާރު ވަނީ ދައްކާފައެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ހުއްދަކުރުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމުގެ ރަމްޒެއް ކަމަށާއި، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އެ ގައުމުން ދެމުންދާ އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މި މާލީ މުޢާމަލާތްތަކަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!