އީރާނުގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު އެއަރ ޑިފެންސް ސިސްޓަމްތައް މަސައްކަތްކުރާ އަޑު އިވިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ދައުލަތުގެ ނިއުސް އެޖެންސީ އިރްނާ އިން ބުނި ގޮތުގައި، ވެރިރަށުގެ ހުޅަނގާއި އިރުމަތީ ސަރަހައްދުތަކުން އެއަރ ޑިފެންސްގެ އަޑު ވަނީ އިވިފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ މީޑިއާތަކުން ފަހުން ހާމަކޮށްފައިވާ ގޮތުގައި، އެއަރ ޑިފެންސްތައް ހަރަކާތްތެރިވީ ކުރިއަށްދިޔަ ޓެސްޓެއްގެ ތެރެއިންނެވެ. ނަމަވެސް، މެހެރް ނިއުސް އެޖެންސީން ބުނެފައިވަނީ އެއަރ ޑިފެންސްތަކުން "ދުޝްމަނުންގެ އަމާޒުތަކަކަށް" ހަމަލާދީފައިވާ ކަމަށެވެ.
''އަލްޖަޒީރާ''ގެ ކޮރެސްޕޮންޑެންޓަށް ވެސް ވަނީ ތެހެރާންގެ މަތިން އެއަރ ޑިފެންސްތައް ހަރަކާތްތެރިވާ މަންޒަރު ފެނިފައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރީ މަސްދަރަކުން ވަނީ އެއްވެސް ބައިވެރިވުމެއް އޮތްކަމަށް އިންކާރުކޮށްފައެވެ. ''ޔެދިއޮތް އަހްރޮނޮތް'' ނޫހަށް މައުލޫމާތު ދެމުން އެ މަސްދަރުން ބުނެފައިވަނީ "إސްރާއީލުން އީރާނަށް ހަމަލާއެއް ނުދޭ" ކަމަށެވެ.
ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ބޭރުގެ ދެ އުޅަނދެއް ހިފަހައްޓާފައިވާ ކަމަށާއި، ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވުމުން ތިންވަނަ އުޅަނދަކަށް ބަޑީގެ ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާއިން އެ ގައުމުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވާތީ އީރާނުން ވަނީ އެކަމުގެ އިލްޒާމް ވޮޝިންޓަނުގެ ބޮލުގައި އަޅުވާފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ ތެހެރާނުން ބޭނުންވަނީ "މަޝްވަރާއާއި އެއްބަސްވުން" ކަމަށެވެ. ނަމަވެސް ވައުދުތަކާ ހިލާފުވުމާއި، ބަންދުކުރުންތަކާއި އަދި އިންޒާރުތަކަކީ ހަގީގީ މަޝްވަރާތަކަށް އޮތް މައިގަނޑު ހުރަސްތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅުގައި، ލުބުނާނުގެ ސަފީރު ނަދާ ހަމަދޭ މުއައްވަދު އާއި އިސްރާއީލުގެ ސަފީރު ޔެޗިއެލް ލައިޓާ މިއަދުގެ ވަގުތެއްގައި ވޮޝިންޓަން ޑީސީގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ބައިރޫތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!