ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ކުރަނގި އޮޕަރޭޝަން" ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މައުލޫމާތު ފުރިހަމަނުކޮށް ތިބި ބިދޭސީން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެ ކަމަށެވެ.

Ad
rt

"މެއި ދޭއް 2026 އިން ފެށިގެން ފީ ނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް، އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވެސް އިމީޑިއަޓްލީ ރާއްޖޭން ޑީޕޯޓްކުރެވިގެންދާނެ ފަރާތެއް،" އިހުސާން ވިދާޅުވެފަވެއެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 206,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ހަމަކޮށް ގަވާއިދަށް ފެތޭ ބިދޭސީންގެ ނިސްބަތް މިހާރު ވަނީ 62 އިންސައްތައަށް އިތުރުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މައުލޫމާތު ނުދީ ތިބި 2,933 ބިދޭސީން ހޯދައި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ މީހުން ޑީޕޯޓްކޮށް ނިންމުމެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވަނީ ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ އެއްވެސް އިސްތިސްނާއެއް ނެތް ގޮތަށް ވަގުތުން ޑީޕޯޓްކުރާނެ ކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ.

މީގެ އިތުރުން، ބިދޭސީން ގެންގުޅޭ ފަރާތްތަކުން އިމިގްރޭޝަން ސިސްޓަމް މެދުވެރިކޮށް ވީސާގެ ކަންކަން ގަވާއިދުން ބެލެހެއްޓުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ވެއްދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.