އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވުމަށް، ދައުލަތުގެ މުއައްސަސާތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ، ބުދަ ދުވަހު ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނެއްގައެވެ.
އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނުގައި އީރާން ތަރުޖަމާނު ވިދާޅުވީ، މުބާރާތުގައި ޓީމު ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި މި ތައްޔާރީތަކަކީ ކުޅިވަރާ ބެހޭ ވަޒީރުގެ އިރުޝާދުގެ ދަށުން، ކާމިޔާބު ނަތީޖާއެއް ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްކަންދީގެން ކުރިއަށްގެންދިޔަ މަސައްކަތްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ، ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި މުބާރާތުގައި އީރާނުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. ސަރަހައްދީ ހަނގުރާމައިގެ ހާލަތާ ގުޅިގެން ސުވާލުތަކެއް އުފެދުނު ނަމަވެސް، އިންފަންޓީނޯ ވިދާޅުވީ "އީރާނުން އަންނަން ޖެހޭނެ، އެމީހުން ތަމްސީލުކުރަނީ އެމީހުންގެ ރައްޔިތުން، އެމީހުން ވަނީ ކޮލިފައިވެފައި، ކުޅުންތެރިން ބޭނުންވަނީ ކުޅެން" ކަމަށެވެ. އަދި ކުޅިވަރު އޮންނަންވާނީ ސިޔާސީ ކަންކަމާ ދުރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް އެމެރިކާގައި
އީރާނުން ގްރޫޕް ޖީ ގައި ކުޅޭ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. އެއީ ލޮސް އެންޖެލެސްގައި ދެ މެޗާއި ސިއެޓްލްގައި އެއް މެޗެވެ. މުބާރާތުގެ ތެރޭގައި އެ ޓީމު މަޑުކުރާ ބޭސް އޮންނާނީ އެރިޒޯނާގެ ޓޫސަންގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނު ޓީމަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމީހުންގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތުގައި އީރާނުން ބައިވެރިވުމާ މެދު ޝައްކު އުފެދުނީ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުންނެވެ. އީރާނުން ކުރިން ވަނީ މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެ، އެމެރިކާގައި ކުޅެން އޮތް މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދިފައެވެ. ނަމަވެސް ފީފާއިން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފައެވެ.
އޭޕްރިލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭޕްރިލް 11-12 ގައި އިސްލާމްއާބާދުގައި ސީދާ މަޝްވަރާތަކެއް ވަނީ ކުރިއަށް ގޮސްފައެވެ. އެ މަޝްވަރާތަކުން ވަކި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާތީ އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުން އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!