އަޑިއަށްދިޔަ އީރާނުގެ މަނަވަރުން ސަލާމަތްވި މީހުންނާއި، ސްރީލަންކާގެ އެހީއަށް އެދުނު ދެވަނަ މަނަވަރުގެ ފަޅުވެރިން އަނބުރާ އީރާނަށް ނުފޮނުވުމަށް އެމެރިކާއިން ސްރީލަންކާއަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށް މެމޯއަކުން ހާމަވެއްޖެއެވެ.

''ރޮއިޓާސް''އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫސް އެޖެންސީ އަށް ހުކުރު ދުވަހު ފެނިފައިވާ ސްޓޭޓް ޑިޕާޓްމަންޓުގެ އެތެރޭގެ ކޭބަލް މެސެޖެއްގައިވާ ގޮތުން، މި ހަފުތާގައި އެމެރިކާއިން ފައްތާލި އީރާނުގެ މަނަވަރުން ސަލާމަތްވި މީހުންނާއި، ލަންކާގެ ބެލުމުގެ ދަށުގައި އޮތް އީރާނުގެ ދެވަނަ މަނަވަރުގެ ފަޅުވެރިން އަނބުރާ ގައުމަށް ނުފޮނުވުމަށް އެމެރިކާއިން ވަނީ ލަންކާ ސަރުކާރަށް އަންގާފައެވެ.

Ad
rt

ބުދަ ދުވަހު އިންޑިއާ ކަނޑުގައި، ލަންކާގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ގާލީއާ 19 ނޯޓިކަލް މޭލު ބޭރުން އެމެރިކާގެ ސަބްމެރީނަކުން ވަނީ އީރާނުގެ 'އައި.އާރް.އައި.އެސް ދޭނާ' މަނަވަރު ފައްތާލާފައެވެ. މި ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާއިރު، މިއީ އީރާނުގެ ކަނޑުގެ ސިފައިންނާ ދެކޮޅަށް ވޮޝިންޓަނުން ހިންގާ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެގެންދިޔަ ކަމެކެވެ.

ބުރާސްފަތި ދުވަހު ލަންކާއިން ވަނީ އީރާނުގެ ދެވަނަ މަނަވަރު ކަމަށްވާ 'އައި.އާރް.އައި.އެސް ބޫޝެހްރު' އިން 208 ފަޅުވެރިން ބޭލުމުގެ މަސައްކަތް ފަށާފައެވެ. މި މަނަވަރު ތާށިވެފައިވަނީ ލަންކާގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި، ނަމަވެސް ކަނޑުގެ ސަރަހައްދީ ބޯޑަރުން ބޭރުގައެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވިދާޅުވީ، އެ ފަޅުވެރިންނަށް ހިމާޔަތް ދިނުމަކީ އިންސާނީ ގޮތުން އެ ގައުމުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ދޭނާ މަނަވަރަށް ޓޯޕިޑޯ ހަމަލާދީ ފައްތާލުމަކީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުނެފައިވާގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

މާޗް 6 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ، އަދި މީގެ ކުރިން ރިޕޯޓްކޮށްފައިނުވާ ސްޓޭޓް ޑިޕާޓްމަންޓުގެ ކޭބަލްގައިވާ ގޮތުން، ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ޗާޖް ޑި އެފެއާޒް ޖޭން ހަވަލް ވަނީ އީރާންގެ ދެވަނަ މަނަވަރު ބޫޝެހްރުގެ ފަޅުވެރިންނާއި ދޭނާ އިން ސަލާމަތްވި 32 މީހުން އަނބުރާ އީރާނަށް ފޮނުވައިގެން ނުވާނެކަމަށް ލަންކާ ސަރުކާރަށް އަންގާފައެވެ.

މިކަމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ދިސާނަޔަކަގެ އޮފީހާއި ލަންކާގެ ފޮރިން މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތް ވެފައިނުވާކަމަށް ''ރޮއިޓާސް'' އިން ބުނެފަވެއެވެ.

ކޭބަލްގައިވާ ގޮތުން، ފަޅުވެރިން އަނބުރާ އީރާނަށް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތްކަމަށް އިންޑިއާ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލު ސަފީރަށްވެސް ހަވަލް ވަނީ ބުނެފައެވެ. އަދި ފަޅުވެރިން "ގައުމު ދޫކޮށްލުމަށް" ހިތްވަރު ދިނުމަށް އެމީހުންނާ އެއްވެސް މުއާމަލާތެއް ކުރެވޭތޯ ސަފީރު ހަވަލްއާ ސުވާލުކުރެއްވި ކަމަށްވެސް އެ ކޭބަލްގައިވެއެވެ.

ނިއުދިއްލީގައި ހުންނަ އިޒްރޭލު އެމްބަސީގެ މަންދޫބަކު މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ބުދަ ދުވަހު ލަންކާގެ ހެލްތު އެންޑް މާސް މީޑިއާގެ ޑެޕިއުޓީ މިނިސްޓަރު ހަންސަކަ ވިޖޭމުނީ ''ރޮއިޓާސް''އަށް ވިދާޅުވެފައި ވަނީ، ދޭނާ މަނަވަރުގައި މަރުވި މީހުންގެ ހަށިތައް އަނބުރާ ގެންދިއުމަށް ތެހެރާނުން އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ވަގުތެއް އަދި ނިންމާފައެއް ނުވެއެވެ.

ދޭނާ މަނަވަރަކީ މިދިޔަ މަހު އިންޑިއާއިން ބޭ އޮފް ބެންގާލްގައި ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށްފަހު އަނބުރާ އީރާނަށް ދަތުރުކުރަނިކޮށް އެމެރިކާގެ ޓޯޕިޑޯ ހަމަލާ އަމާޒުވި މަނަވަރެކެވެ.

ނަން ހާމަނުކުރުމަށް އެދި އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައި ވަނީ ހަމަލާދިން އިރު ދޭނާ އޮތީ ހަތިޔާރާއެކު ކަމަށާއި، ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން އެއްވެސް އިންޒާރެއް ދީފައިނުވާނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ކޭބަލްގައިވާ ގޮތުން، ދެވަނަ މަނަވަރު ކަމަށްވާ ބޫޝެހްރު، ހަނގުރާމަ ނިމެންދެން އޮންނާނީ ލަންކާގެ ބެލުމުގެ ދަށުގައެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހު ބުނީ، ބޫޝެހްރު މަނަވަރު އިރުމަތީ އައްސޭރީގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ގިނަ ފަޅުވެރިން ކޮލަމްބޯ ކައިރީގައި ހުންނަ ނޭވީ ކޭމްޕަކަށް ބަދަލުކުރަމުންދާ ކަމަށެވެ.