2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ހަމަ މިދުވަހު ނެގުމަށް ހަމަޖެހިފައިވާތީ، މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތުއް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެެވެ.

އެގޮތުން މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގެން 2026 މާރިޗު 04 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

Ad
rt

މި އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީގައި ނަން އޮތް ފަރާތްތަކަކަށް ވެގެންނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.

މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ. ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް ކަމަށާއި އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް މޮނީޓަރަކަށް ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުން ހުށަހެޅޭނެ އަދަދުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ، މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ކަމަށެވެ. އަދި ޕާޓީތަކުން އަދި ޖަމިއްޔާތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތަ އިތުރުވެގެން ނުވާނެ ކަމަށެވެ.

އިންތިޚާބުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެއް ކަން ކޮމިޝަނުން ފާހަގަކުރެއެވެ. މިހާތަނަށް އިންތިޚާބުތައް މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހެޅިއިރު އިންތިޚާބުތައް އޮބްޒަރވުކުރުމަށް 1,477 ފަރާތަކުން ފޯމު ވަނީ ހުށަހަޅާފައެވެ.