ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޗައިނާގެ ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ޗިއާންގއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސް ފޮނުއްވި ވަކިވަކި ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

Ad
rt

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް މުޢިއްޒު ވަނީ "އިޔަރ އޮފް ދަ ހޯސް" އިން ރަމްޒުކޮށްދޭ ޖޯޝާއި، އަޒުމާއި އަދި ކުރިއަރައި ދިޔުމުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއިން ދައްކުވައިދޭ ވިލުންތެރިކަމާއި، ތަރައްޤީވުމުގެ މަޤުޞަދު ފާހަގަކުރައްވައި، "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ ތެރެއިން ދެ ޤައުމުގެ ތަރައްޤީއަށް ފައިދާކުރަނިވި ކަންކަން އިތުރަށް ހަރުދަނާކުރުމުގައި އިތުބާރުކުރެވޭ ރަހްމަތްތެރި ގުޅުމެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕްރިމިއަރ ލީ ޗިއާންގއަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ފެށޭ އައު އަހަރުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ހަމައެއާއެކު، ދެ ސިޓީފުޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް ރާއްޖެއިން ދެމުންދާ އިސްކަން ތަކުރާރު ކުރައްވާފައެވެ.

މި މުނާސަބަތާ ގުޅުވައިގެން ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ފާއިތުވެދިޔަ އަހަރުތަކުގައި ތަރައްޤީގެ ރޮނގުގައި ޗައިނާ ހޯދާފައިވާ އާދަޔާޚިލާފު ކާމިޔާބީތައް ފާހަގަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ރައްޔިތުންނަށް އަދަށްވުރެ ރޯޝަނީ މުސްތަޤްބަލަކަށް އެދިވަޑައިގެން، އެ ޤައުމުގެ ލީޑަޝިޕަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައިވެއެވެ.

ސްޕްރިންގ ފެސްޓިވަލްގެ ނަމުގައި ޗައިނާގައި ފާހަގަކުރާ ހަނދުމަހުގެ އައު އަހަރަކީ، ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޗައިނާގެ މުޖުތަމަޢުތަކުން ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ މުހިންމު މުނާސަބަތެކެވެ.