މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގެ ކެމްޕޭން އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ލޯންޗް ކޮށްފިއެވެ.
''ހޭވައްލާ ތައްޔާރު'' ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މި ކެމްޕޭން ލޯންޗްކުރި ޖަލްސާ ބާއްވާފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗްގައެވެ.
މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސިޓީ ތަކުގެ މޭޔަރުކަމަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން ވެސް ވާހަކަ ދެއްކެވިއެވެ.
މިރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސީޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ މިހާރުވެސް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
އެމްޑީޕީން އަންނަ އިންތިޚާބުގެ ކެމްޕޭން މިރޭ ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ވަނީ ބާއްވާފައެވެ.
މި އިންތިހާބުގައި ޖުމުލަ 2,993 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ހަ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެ އެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 294,937 މީހުންނަށް ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!