އިންތިޚާބުގައި ރައްޔިތުން ލާ ވޯޓަކީ ސަރުކާރުގެ ތަރައްގީއާއި ރަށުގެ ކުރިއެރުމާއި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މާލޭގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މި އިވެންޓްގައި ވާހަކަދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ވޯޓުލުމުގެ މުހިންމުކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ދައްކަމުންދަނީ ތަރައްގީއާއި ތަމައްދުންގެ ވާހަކަ ކަމަށާއި، މި ކަންކަން ހާސިލުކުރުމަށްޓަކައި ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވާ ކަމަށެވެ.

ސަރުކާރާއެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވުމަށް ވޯޓު ދިނުމަށް ފަސްޖެހިއްޖެނަމަ، ދެން ހޮވޭ ބަޔަކީ ސަރުކާރުގެ ތަރައްގީގެ ތަސައްވުރާ ދުރު ހިޔާލު ގެންގުޅޭ ބަޔަކަށް ވެދާނެކަމުގެ ބިރު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ލާ ވޯޓުގެ ސަބަބުން ރަށަށް އަންނަ ތަރައްގީގައި ކޮންމެ މީހެއްގެ ހިއްސާ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުތަކުގައި މީގެކުރިން ވޯޓުލާން ނިކުންނަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުންކަން ފާހަގަކުރައްވައި، މިފަހަރުގެ އިންތިހާބުގައި އެ އަދަދު މައްޗަށް ޖެއްސުމަށް މަސައްކަތް ކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޯޓުލާން ނިކުންނަން ޖެހެނީ އަމިއްލަ ރަށުގެ ކުރިއެރުމާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ.