ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް، އެ ކޮމިޝަންގެ މެންބަރު އަދި ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެމަގާމަށް ރަމީލާ އަށް މަޖިލީހުން ރުހުން ދިނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޚާއްޞަ ދެވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރުމަށްފަހު، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ. ދައުރުން ބޭރުން އިއްޔެ ބޭއްވި ޚާއްސަ ފުރަތަމަ ޖަލްސާގައި މި މައްސަލަ ކޮމިޓީއަށް ފޮނުވުމުން، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ރަމީލާގެ ނަން ފާސްކޮށްފައެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ ޢައްޔަނުކުރަށްވައިފި
ޑރ. އާއިޝަތު ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެ މަގާމުގެ ފަތްކޮޅު އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އެރުވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އެޗުއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ ފަސް އަހަރުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.
ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރެވެ. ރައީސް މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލި ދުވަހު 17 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ދުވަސްތަކަކު ދުރުގައި ހުންނެވުމަށްފަހު ރަމީލާ ވަނީ 1 ޑިސެމްބަރު 2024 ގައި މަގާމުން އިސްތިއުފާދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!