ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ނުވަތަ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް އެކުލަވާލާފައިވާ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އައްޔަނުކޮށްފިއެވެ.

މެމްބަރު ޝަރީފް މި މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންގެ ބަދަލުގައެވެ.

Ad
rt

މި ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚީ މުނާސަބަތާ ގުޅިގެން ކުރިއަށް ރޭވިފައިވާ އެކި ހަރަކާތްތައް ވިލަރެސްކޮށް ހިންގުމެވެ.

އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން، އަންނަ ފެބްރުއަރީ މަހު 19 އަހަރުން ދަށުގެ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ޒުވާން ކުޅުންތެރިންގެ މެދުގައި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މީގެ އިތުރުން، ޖޫން މަހު ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްގެ ގައުމީ ޓީމުތަކުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ފުޓުބޯޅަ އާ އުސްމިންތަކަކަށް ގެންދިއުމުގެ މަސައްކަތުގެ ތެރެއިން، ގައުމީ ސީނިއަރ ޓީމުގެ ކޯޗަކަށް އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަންގޭރީގެ އިސްތަވާން އުރުބާނީ މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ފުޓްބޯޅަ މުބާރާތެއް ބޭއްވީ 1948 ވަނަ އަހަރުއެވެ. ކުޅިވަރުތައް ރާވައި ހިންގާނެ ރަސްމީ އޮފީހެއް 1950 ގައި އުފެއްދިއިރު، ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އުފެއްދީ 1982 ގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލީ 1978 ވަނަ އަހަރުއެވެ. ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ އިބްރާހިމް އިސްމާއީލެވެ. އަދި ފުރަތަމަ ލަނޑު ޖަހައިދިނީ އަބްދުﷲ ރަޝީދު (ޖޫލޭ) އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 1984 ވަނަ އަހަރުއެވެ. ރާއްޖޭގެ ގައުމީ ޓީމުން ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ.