2025 ވަނަ އަހަރު ހދ.އަތޮޅުގައި ޖުމްލަ 393 ވަރިކައިވެނިކޮށްދީފައިވާކަން ''ހދ. ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު - 2025'' އިން ދައްކައިފިއެވެ.
މި ތަފާސްހިސާބުން ފެންނަ ގޮތުގައި މިދިޔަ އަހަރު ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަނެއް 12 ރަށުގައި ޖުމްލަ 225 ކައިވެނި އަދި 168 ވަރި ސާބިތުކޮށްފައިވެއެވެ.
މި ހިސާބުން ފެންނަގޮތުގައި ހަތަރު ރަށެއްގައި ކައިވެންޏަށްވުރެ ވަރި އިތުރެވެ. އެއީ ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުރިނބީއެވެ.
ނޭކުރެންދޫގައި މިދިޔަ އަހަރު 7 ކައިވެނިކޮށްދީފައިވާއިރު 8 ވަރި ވަނީ ސާބިތުކޮށްފައެވެ. ހިރިމަރަދޫގައި 3 ކައިވެނިކޮށްދީފައިވާއިރު، 4 ވަރި ވަނީ ސާބިތުކޮށްފައެވެ. މަކުނުދޫގައި 11 ކައިވެނިކޮށްދީފައިވާއިރު 16 ވަރި ވަނީ ސާބިތުކޮށްދީފައެވެ. އަދި ކުރިނބީގައި 3 ކައިވެނިކުރިއިރު، 5 ވަރި ވަނީ ސާބިތުކޮށްފައެވެ.
މިއަތޮޅު ފިނޭގައި މިދިޔަ އަހަރު 3 ކައިވެންޏެއްކޮށްދީފައިވާއިރު، އެއްވެސް ވަރިއެއް ނެތެވެ. އަދި ނައިވާދޫގައި ކައިވެންޏެއް ނުކުރާއިރު ދެ ވަރި ސާބިތުކޮށްދީފައިވެއެވެ.
އެހެން ރަށްތަކަށް ބަލާއިރު،
- ކުޅުދުއްފުށީ ސިޓީ - 119 ކައިވެނި، 84 ވަރި
- ކުމުންދޫ - 8 ކައިވެނި، 4 ވަރި
- ވައިކަރަދޫ - 15 ކައިވެނި، 11 ވަރި
- ނޮޅިވަރަމް - 16 ކައިވެނި، 15 ވަރި
- ނޮޅިވަރަންފަރު - 11 ކައިވެނި، 3 ވަރި
- ނެއްލައިދޫ - 8 ކައިވެނި، 5 ވަރި
- ހަނިމާދޫ - 21 ކައިވެނި، 11 ވަރި
މިދިޔަ އަހަރު ހދ. ޖުޑީޝަލް ދާއިރާގެ ރަށްތަކުގައި ޖުމްލަ 92 ޖިނާއީ މައްސަލަ، 411 މަދަނީ އަދި 404 ޢާއިލީ މައްސަލަ ބަލާފަވެއެވެ. އެއީ ކުޅުދުއްފުށި ސިޓީ 503 މައްސަލަ، ހަނިމާދޫ 77 މައްސަލަ، ވައިކަރަދޫ 66 މައްސަލަ، މަކުނުދޫ 61 މައްސަލަ، ނޮޅިވަރަމް 57 މައްސަލަ، ، ނޭކުރެންދޫ 27 މައްސަލަ، ނެއްލައިދޫ 27 މައްސަލަ، ނޮޅިވަރަންފަރު 25 މައްސަލަ، ނައިވާދޫ 21 މައްސަލަ، ކުމުންދޫ 15 މައްސަލަ، ކުރިނބި 11 މައްސަލަ، ފިނޭ 10 މައްސަލަ އަދި ހިރިމަރަދޫ 7 މައްސަލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!