ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބަށް ބޭނުންވާ 7000 އެއްހައި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ސީއެޗްއެސްސީގައި ފަށާފައެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނުކުރުމުގެ ސެޝަންތައް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާލޭ ސަރަހައްދުގައި މަސައްކަތްކުރާނެ އޮފިޝަލުން ތަމްރީނުކުރުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ތަމްރީނުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި އަމަލުކުރާނެ ގޮތާއި، ވޯޓުލުމުގެ އިދާރީ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ދެވޭނެއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މަންދޫބުން ހޮވުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ވަމުންނެވެ.