ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް ހަލުވިކޮށް ތައާރަފްކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.
މި ކުންފުނި ރަސްމީކޮށް އިއްޔެ އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގެ އެކި ދާއިރާތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަކަށް އެ ކުންފުނި ވެގެންދާނެއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ޕޭމަންޓް މޯލްޑިވްސް އަކީ މަރުކަޒީ ބޭންކުގެ މަސްއޫލިއްޔަތުތަކާ ވަކިކުރެވި، ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގާނެ ކުންފުންޏެކެވެ. އެގޮތުން "ފަވަރަ" އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހިންގުމުގެ ޒިންމާ ދެން އުފުލާނީ މި ކުންފުނިންނެވެ. މީގެ ސަބަބުން ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ ދުވެލި އަވަސްވެ، މާލީ ހިދުމަތްދޭ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ކުންފުނީގެ މަސައްކަތްތައް ފެށިގެންދާއިރު، މިހާރު ކުރިއަށްދާ މުހިއްމު މަޝްރޫއުތައް ކަމަށްވާ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި (UPI) އާ ގުޅާލުމުގެ މަސައްކަތާއި، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންނެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ބޮޑު ބަދަލެއްގެ ގޮތުގައި އެމްއެމްއޭއިން ސިފަކުރެއެވެ.
ޕޭމަންޓް މޯލްޑިވްސް އަކީ އެމްއެމްއޭގެ 60 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް ވަކި މެނޭޖްމަންޓެއްގެ ދަށުން މި ކުންފުނި ހިންގަން ނިންމީ، ދުނިޔޭގެ ޕޭމަންޓް ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެކަމަށް ހާއްސަވެފައިވާ މުވައްޒަފުންނާއެކު މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.
މިފަދަ ކުންފުނިތަކަކީ ދުނިޔޭގެ ކާމިޔާބު މޮޑެލްއެއް
މި މޮޑެލް އަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ތަންފީޒްކޮށްފައިވާ މޮޑެލްއެކެވެ. އިންޑިޔާ، އޮސްޓްރޭލިޔާ، ތައިލެންޑް، އަދި ޖޯޑަން ފަދަ ޤައުމުތަކުން މިފަދަ މޮޑެލްތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް، އެ ޤައުމުތަކުގެ މާލީ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) - ރިޒަރވް ބޭންކް އޮފް އިންޑިޔާ އަދި އިންޑިއަން ބޭންކްސް އެސޯސިއޭޝަނާ ގުޅިގެން ތަރައްޤީކުރި ކުންފުނިން ޔޫޕީއައި ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ރިއަލްޓައިމް ޑިޖިޓަލް ޕޭމަންޓްތައް ފޯރުކޮށްދެއެވެ. އޮސްޓްރޭލިޔާގެ އެންޕީޕީ އޮސްޓްރޭލިޔާ އުފެއްދީ ރިޒަރވް ބޭންކް އޮފް އޮސްޓްރޭލިޔާ އަދި ބޮޑެތި ބޭންކުތަކުގެ އެހީތެރިކަމާއެކު، އޮސްޓްރޭލިޔާގެ ހުރިހާ ރައްޔިތުންނަށް ރިއަލްޓައިމް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށެވެ. ޖޯޑަން އަދި ތައިލެންޑުންވެސް ވަނީ މިފަދަ ކުންފުނިތަކެއް އުފައްދާފައެވެ.
ޕޭމަންޓް މޯލްޑިވްސް އާއިއެކު މާލީ ނިޒާމަށް ބޮޑު ބަދަލެއް
ޑިޖިޓަލް-ފަސްޓް މާލީ ނިޒާމަކާ ދިމާއަށް ޕޭމަންޓް މޯލްޑިވްސް ތަޢާރަފުކުރުމަކީ ޑިޖިޓަލް ރާއްޖެއެއްގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ގިނަ ދިވެހިން ޑިޖިޓަލް ޕޭމަންޓު ބޭނުންކުރަން ފެށުމާއެކު، ހަރުދަނާ، ރައްކާތެރި، އަދި އެންމެންނަށް ބައިވެރިވެވޭ އިންފްރާސްޓްރަކްޗަރއެއްގެ ބޭނުން އިތުރުވެފައިވެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި ޕޭމަންޓް މޯލްޑިވްސްއަކީ މިހާރުގެ ނިޒާމުތަކަށް އެހީތެރިވުމުގެ އިތުރުން، ކުރިމަގުގެ ބޭނުންތަކަށް ތައްޔާރުވެ އެ ބޭނުންތައް ފުއްދައިދޭނެ ޕްލެޓްފޯމްއެވެ.
ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
• އަވަސް އަދި ފަސޭހަ ޕޭމަންޓް ޚިދުމަތްތައް
• އިތުރު ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު
• އައު އީޖާދީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވުމުގެ ފުރުޞަތު
• މާލީ ޝާމިލުވުން އިތުރުވެ، އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބުން
ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
• ޕޭމަންޓް ޕްރޮސެސިސިންގ ޚަރަދުތައް ކުޑަވުން
• އައު ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކަށް ފަސޭހައިން އަހުލުވެރިވުމުގެ ފުރުޞަތު ލިބުން
• ބައިނަލްއަޤްވާމީ ވިޔަފާރީގެ ފުރުޞަތުތައް އިތުރުވުން
ޖުމުލަކޮށް ބަލާއިރު، ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، އައު އީޖާދުތަކަށް މަގުފަހިވެ، އަދި ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ދަތުރުކުރުމަށް ބާރުލިބިގެންދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!