ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކީ މޫސާ އަލީ ޖަލީލްކަން ކަށަވަރުވެފައިވާއިރު، މިކަމާ ގުޅޭގޮތުން އަޑުތަކެއް ފެތުރެމުން އަންނަތާ ދެ ދުވަހެއް ވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެ ނަން ރަސްމީކޮށް އިއުލާނު ނުކުރެއްވިއަސް، އެއީ މޫސާ އަލީ ޖަލީލްކަން ވަނީ އެނގިފައެވެ.
ފަލާހު ވިދާޅުވީ، "މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެއް ކެންޑިޑޭޓެއް. ދެން އަޅުގަނޑު ނުދެންނެވިޔަސް ތިބޭފުޅުންނަށް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބައެއް ނޫސްތަކުގައި ވެސް އެބަހުރި ކަންނޭނގެ ލިޔުއްވާފައި ވެސް އެއީ ކޮން ބޭފުޅެއްކަން،" މިހެންނެވެ.
ރިޓަޔާޑު މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެމަނިކުފާނަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ރައީސް ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެވެއެވެ. ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ވަނީ އަރުވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ޕީއެންސީން ވަނީ ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ނެރެފައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން އެއް ޕާޓީއަކުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރާ ޕާޓީއަކީ މިފަހަރު ޕީއެންސީ ކަމަށެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!