ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ ) އިން އިސްނަގައިގެން މަސްވެރިންގެ ދުވަހު ފެށި ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ، މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

Ad
rt

އެގޮތުން މިމީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫގެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ސިއްހީ ހާލަތާ ގުޅިގެން 2025 ޑިސެންބަރު 13 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، ތަހުގީގަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ހައްޔަރުގައި ދެން ތިބި ދެ މީހުން 2025 ޑިސެންބަރު 16 ވަނަ ދުވަހު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ބުންޏެވެ.

މިކަމާއި ގުޅިގެން ބީކޭއެމްޔޫއިން ބުނީ، ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް އެ ޔޫނިއަންގެ ހުރިހާ ލީޑަރުންނާއި މެމްބަރުން ދޫކޮށްލުމުން މަރުހަބާ ކިޔާ ކަމަށެވެ.

‘’މިއީ އިންސާފާއި ޖަމްޢިއްޔާ ޖަމާޢަތުގެ މިނިވަންކަމާއި ޖަމާޢަތުގައި ޢަމަލުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްޤު ހޯދުމަށް ކުރި މަސައްކަތުގައި ސާބިތުވެ ތިއްބެވި ބީކޭއެމްޔޫގެ މެމްބަރުންގެ ޖަމާޢަތުގެ ބާރާއި ހިތްވަރާއި އަޒުމުގެ ސީދާ ނަތީޖާ’’ ބީކޭއެމްޔޫއިން ބުނެފަވެއެވެ.