މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި ތިން ސްޕާ/ސެލޫން ބަންދުކޮށް އަދި ބިދޭސީން ހިންގަމުން ދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި މީގެތެރެއިން 03 ތަނެއް ވަނީ ބަންދު ކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މާލޭގައި ހިންގާފައިވާއިރު، މި އޮޕަރޭޝަންގައި މާލޭގެ 9 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މީގެ ތެރެއިން 2 ވިޔަފާރިއެއް ވަގުތުން ހުއްޓުވައި އެއް ތަނަކަށް ނޯޓިސް ދީފައިވާކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ޚާއްސަ ޓާސްކްފޯހެއް ކަމަށްވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ވަނީ އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ޤާނޫނާ ޚިލާފުވާ ފަރާތްތައް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅުނު އަދި ޖިނާއީ ކުށްތަކުގައި ބައިވެރިވި 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!