އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ 'މީޑިއާ މައުރަޒު 2025' މިއަދު ހަވީރު ރަސްމީކޮށް ފަށައިފިއެވެ.
މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ އެވުޒާރާގެ އެކި ސެކްޝަންތަކުން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ގާތުން ފޯރުކޮށްދިނުމެވެ. މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލްއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މި މައުރަޒަކީ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ އެކި ސެކްޝަންތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް، ޒުވާން ޚަޠީބުންނަށް ޚާއްސަ ސްޓޯލެއްގައި ތުއްތު ކުދިންނަށް މިމްބަރުގައި ޚުޠުބާ ކިޔުމާއި ބަންގި ގޮވުމުގެ ފުރުސަތު ވަނީ ހަމަޖައްސާފައެވެ. މޮސްކު މެނޭޖްމެންޓް ސެކްޝަނުން ހިންގާ މި ހަރަކާތަށް މައުރަޒުގެ ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ތުއްތު ކުދިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެ އިތުރުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް މި މައުރަޒުގައި ވަނީ ހުޅުވާލެވިފައެވެ. އަދި ޝައިޚުންނާއި ސުވާލުކުރުމުގެ ފުރުސަތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
މީޑިއާ މައުރަޒު މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެއެވެ.

ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!