އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް.) ނާސާގެ މަޝްހޫރު އެސްޓްރޯނޯޓް ޑޮން ޕެޓިޓް ފަޒާގެ 400 ކިލޯމީޓަރު މަތިން ނަގާފައިވާ މާތްވެގެންވާ ގެފުޅުގެ ފޮޓޯ މީސްމީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި ފޮޓޯއިން ދެމިހުރި އިލާހީ ނޫރުގެ ވަރުގަދަ މެސެޖެއް އިންސާނިއްޔަތަށް ދެއެވެ.

ނާސާގެ މަޝްހޫރު އެސްޓްރޯނޯޓް ޑޮން ޕެޓިޓް ފަޒާގެ 400 ކިލޯމީޓަރު މަތިން ނަގާފައިވާ އިސްލާމް ދީނުގެ އެންމެ މުޤައްދަސް ތަން ކަމަށްވާ މާތްވެގެންވާ ގެފުޅުގެ ފޮޓޯއިން ގެފުޅު ވަރަށް ފާޅުކޮށް އަދި ސާފުކޮށް ފެންނަން ހުރެއެވެ. މި މަންޒަރު ވަނީ ދުނިޔޭގެ އެތައް ބަޔެއްގެ ސަމާލުކަން ހޯދާ، ފުން އަސަރުތަކެއް ކޮށްފައެވެ.

Ad
rt

ލޯންގް-އެކްސްޕޯޝަރ ފޮޓޯގްރަފީގެ އެހީގައި ނެގިފައިވާ މި ފޮޓޯއިން، މަސްޖިދުލް ހަރަމްގެ ވަރުގަދަ އަލިކަން ވަރަށް ފާޅުކޮށްދީފައިވެއެވެ. އެތައް ބަޔަކު މި މަންޒަރު ދެކެފައިވަނީ، މާތް ﷲގެ ކުޅަދުންވަންތަކަމާއި އިލާހީ ނޫރެއްގެ ދެމިހުރި ނިޝާނެއްގެ ގޮތުގައެވެ. މިފަދަ މަންޒަރުތަކުން މުސްލިމުންގެ ރޫޙާނީ ގުޅުންތައް އާލާވެ، ފުން އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ސައިންސާއި ފަންނު އެއްކޮށްލައިގެން ފަޒާގެ ހާއްސަ ފޮޓޯތައް ނެންގެވުމަށް މަޝްހޫރު ޑޮން ޕެޓިޓް ނެންގެވި މި ތަސްވީރުން، އަނދިރި ސަހަރާއާއި ފަރުބަދަތަކުގެ މެދުގައި މައްކާގެ މާތް ބިމުގެ އަލިކަން ވަރަށް ފާޅުކޮށް ފެނިގެންދެއެވެ. މިފަދަ އަލިކަމެއް ފަޒާއިން ވެސް ފާޅުކޮށް ފެންނަން ހުރުމަކީ، މުޅި ދުނިޔޭގެ މުސްލިމުންނަށް މައްކާއާއި ކަޢުބާގެ ރޫޙާނީ މުހިންމުކަން ދައްކުވައިދޭ ވަރަށް ވަރުގަދަ ދަލީލެކެވެ. މި ފޮޓޯއަކީ ފަޒާގެ ސައިންސާއި ދީނީ ރޫޙާނިއްޔަތު އެއްކޮށްލާ، ހިތްތަކަށް އުފާވެރިކަމާއި ފިކުރުތަކަށް މަގުފަހިކޮށްދޭފަދަ މަންޒަރެކެވެ.

ނާސާގެ މަޝްހޫރު އެސްޓްރޯނޯޓް ޑޮން ޕެޓިޓް ފަޒާގެ 400 ކިލޯމީޓަރު މަތިން ނަގާފައިވާ ގެފުޅުގެ ފޮޓޯ

މައްކާގެ ޙަރަމްފުޅަކީ މި ބިމުގައިވާ އެންމެ މުޤައްދަސް އަދި އެންމެ ދުވަސްވީ ބިނާ ކަމުގައިވާ ގެފުޅު ހުންނަ ސަރަޙައްދެވެ. މަލާއިކަތް ބޭކަލުން އެންމެ ފުރަތަމަ ބިނާކުރެއްވި ބިންގަލުގެ މަތީގައި މިހާރުވެސް ގެފުޅު ދެމިހުރިއިރު، ނޫޙްގެފާނުގެ ޠޫފާނުން ގެފުޅު ރައްކާތެރިކުރެއްވުމަށް މާތް ﷲ ގެފުޅު އުފުއްލެވިއެވެ. އެއަށްފަހު އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު އެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވިއެވެ. އިންސާނީ ތާރީޚްގައި ގެފުޅު ނެތް ޒަމާނެއް ނާދެއެވެ. ކޮންމެ ޒަމާނެއްގައިވެސް މައްކާގައި އުޅުނު ބަޔަކު ގެފުޅު ބެލެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އުމުރުފުޅުން 35 އަހަރުފުޅުގައި، އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރު ކުރީން، ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ސަބަބުން ގެފުޅުގެ ފާރުކޮޅުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މިހެންވެ ޤުރައިޝުން ނިންމީ ގެފުޅު އަލުން ބިނާކުރުމަށެވެ. އެބައިމީހުން އެއްބަސްވީ ޙަލާލު ފައިސާ ނޫން އެހެން އެއްޗެއް ބޭނުންނުކުރުމަށެވެ. ގެފުޅުގެ ބިއްތައް ތަޅާލުމަށް ފުރަތަމަ އިސްނެގީ ވަލީދު ބިން މުޣީރަތެވެ. ޤުރައިޝުންވަނީ އިބްރާހީމްގެފާނު އެޅުއްވި ބިންގަލާ ހަމައަށް ގެފުޅުގެ ބިއްތައް ތަޅާލައި، ރޫމީންގެ ރާނާމީހެއްކަމަށްވާ ބާޤޫމުގެ ބެލުމުގެ ދަށުން އަލުން ބިނާކުރަން ފަށާފައެވެ.

ގެފުޅު ބިނާކުރަމުން ގޮސް ޙަޖަރުލް އަސްވަދު ބަހައްޓަން ޖެހުމުން، ކޮން ޤަބީލާއަކުން އެ ހިލަ ބަހައްޓާނެ ކަމާ މެދު ހަތަރު ދުވަހަށް ދެބަސްވުން އުފެދުނެވެ. އެހިނދު އަބޫއުމައްޔަތު ބުންޏެވެ. މިސްކިތުގެ ދޮރުން އެންމެ ފުރަތަމަ ވަދެގެން އަންނަ މީހާ ގޮތެއް ނިންމާނެއެވެ. މާތް ﷲ ގެ އިރާދަފުޅުން އެ ދޮރުން އެންމެ ފުރަތަމަ ވަޑައިގެންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެކަލޭގެފާނު ވަޑައިގަތުމުން އެބައިމީހުން އުފާކޮށް "މުޙައްމަދުލް އަމީނު ވަޑައިގަތީ" ކަމަށް ބުނެފިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ބޮޑު ފޮށައެއްގައި ޙަޖަރުލް އަސްވަދު ބައިތިއްލަވައި، ކޮންމެ ޤަބީލާއަކުން މީހަކު އެފޮށާގެ ވަށައިގެން ހިފުމަށް އަންގަވައި، ހިލަ ބަހައްޓަންވީ މަޤާމަށް ގެންދެވިއެވެ. އަދި އެ ހިލަ އެފޮށާއިން ނަންގަވައި، އޭގެ މަޤާމުގައި ބޭއްވީ އެކަލޭގެފާނުގެ އަތްޕުޅުންނެވެ.
ޤުރައިޝުން ގެފުޅު ބިނާކުރިއިރު ޙަލާލު ފައިސާ މަދުވުމުގެ ސަބަބުން، ގެފުޅުގެ އުތުރުން އިބްރާހީމްގެފާނުގެ ބިންގަލަށްވުރެ 6 މުށް އެތެރެއަށް ޖެއްސިއެވެ. މި ބަޔަށް އަލްޙިޖްރު ނުވަތަ އަލްޙަޠީމު އޭ ކިޔައެވެ. އަދި ގެފުޅުގެ ދޮރުކޮޅު ބިމަށްވުރެ މައްޗަށް އުފުލައި، ފާރުކޮޅުތައް 15 މުށުގެ ދިގުމިނަށް ހިއްލައި، ހަ ތަނބުޖަހައި ފުރާޅުވެސް ލިއެވެ. ތާރީޚްގެ ތެރޭގައި ގެފުޅާއި ޙަރަމްފުޅަށް ތަފާތު ބަދަލުތަކެއް އައިސް، މަރާމާތުކުރެވި، އާބާތުރަ ފިލުވާފައިވެއެވެ.