އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ.

Ad
rt

އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް، މި މުއްދަތުގެ ތެރޭގައި އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރާނެކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 20 ނޮވެންބަރު 2025 އެވެ.

އިމިގްރޭޝަނުން ވަނީ ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ، 23 ނޮވެންބަރު 2025ގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާތީއެވެ.

މި ބަދަލަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމް، 'މޯލްޑިވްސް 2.0' ގެ ދަށުން ގެނެވުނު ބަދަލެކެވެ.

މޯލްޑިވްސް 2.0 ގެ އަމާޒަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.