ކުޅުދުއްފުށި ސިޓީ އަކީ ގައުމީ ރަށެއްކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ތިލަދުންމަތިން އަދާކޮށްފައިވަނީ މުހިންމު ދައުރެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަމަށާއި އެންމެ ފަހުން ދިވެހި ގައުމުގެ މިނިވަންކަމުގެ އަގަކަށް ވެފައިވަނީ ޝަހީދު ހުސައިން އާދަމްގެ ފުރާނަފުޅާއި އެމަނިކުފާނުގެ ޠާހިރު ލޭފޮދުކަމަށެވެ.
މިގޮތުން، ތިލަދުންމަތީގެ ދައުރު ފާހަގަކުރައްވަމުން މޭޔަރ ޢާޠިފް ވިދާޅުވީ، ގައުމަށް ދިމާކުރާ ކޮންމެ އުދުވާނެއްގައި އެންމެ އިސްސަފުގައި ބަތަލުން ތިބޭ ތަނެއްގެ ގޮތުގައި ތިލަދުންމަތި އަބަދުވެސް ޚާއްސަވާ ކަމަށެވެ. އަދި ތާރީޚުގައި ލިޔެވިފައި ނެތް ނަމަވެސް، އެތައް ބަތަލުންނެއް މި ތިލަދުންމައްޗަށް ނިސްބަތްވާ ކަމަށް މޭޔަރ އާޠިފް ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަކީ ގައުމީ ރަށެއް ކަމަށާއި، ބަތަލުންނާއި ވަރުގަދަ ޝަޚްސިއްޔަތުންގެ ރަށެއް ކަމަށްވެސް މޭޔަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޝަހީދު ކޮޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ބިނާއެއް ހުޅުވަން މެދުވެރިވި ސަބަބަކީ ވެސް އެއީކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ފަހުރެއް ޝަހީދު ކޯޕްރަލް ހުސައިން އާދަމް އަކީ. މިއަދު އަޅުގަނޑުމެން އެމަނިކުފާނުގެ ހަނދާނުގައި ކުޑަ ޒައްރެއްގެ މިންވަރު ހާސިލް މިވަނީ. އެއީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ބަތަލުންގެ ހަނދާންތަކާއި، މަތިވެރި ޖިހާދާއި، ބަތަލުންގެ ހިތްވަރު ބުނެދިނުން މުހިންމު އެއް ސަބަބު. އަޅުގަނޑުމެންގެ ގައުމުގެ ދިފާއުގައި ނިކުންނާނެ ދަރިން ތަރުބިއްޔަތު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް މިއަދު މި ނިންމާލީ." މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ މުހިންމު ޝަޙްސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކުގެ ވާހަކަދައްކަވަމުން މޭޔަރ ވިދާޅުވީ އެ ފަރާތްތަކުން ކުރި މަސައްކަތްތަކުން އިބުރަތް ހާސިލްކޮށް އަންނަން އޮތް ޖީލަށް މި ކަންކަން ދަސްކޮށްދީ ގައުމުގެ ދިފާއުގައި ކެރިގެން ނިކުންނާނެ ދަރިންތަކެއް އުފެއްދުން މުހިންމުކަމަށެވެ.
މިފަދަ މަސައްކަތްތަކަކީ ކައުންސިލްގެ 5 އަހަރުގެ ތަރައްގީގެ ޕްލޭނުގައި ހިމެނިގެން، ސަގާފަތާއި ތަރިކައާއި ގައުމިއްޔަތާ ގުޅުންހުރި ކަންކަމުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ކަމަށާއި، މިފަދަ މަސައްކަތްތައް ކުރެވޭ ހަގީގީ ސަބަބަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރު ކަން ފާހަގަކުރައްވަމުން، ވެރިރަށް މާލޭގައި ހުންނަ އިދާރާއަކަށް ރަށްރަށުގައި ހުންނަ ކުދިކުދި ކަންކަމެއް ނުފެންނާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
އެގޮތުން ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން ރަށުގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުކުރެވޭނެ ކަމަށާއި، އެއީ ކައުންސިލްތަކުން ހިންގާ ގިނަ ޕްރޮޖެކްޓްތަކަކީ އެރަށަކަށް ނިސްބަތްވާ ކުންފުނިތަކުން ކުރާ މަސައްކަތަށް ވެފައި، މިވަގުތު ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން 19 މަޝްރޫޢެއް ކުރިއަށްދާ ކަމަށް ފާހަގަކުރައްވަމުން، ޖުމްލަ 28.2 މިލިއަން ރުފިޔާގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އަދި ލާމަރުކަޒީ ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކުރުމުގައި އެންމެހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކޮށްދިނުމަށް އިއްޔެގެ ރަސްމިއްޔާތުގައި މޭޔަރ އާޠިފް އެދިވަޑައިގަނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!