ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް އެ ކޮމިޝަންގެ ރައީސްކަމަށް މިއަދު އިންތިޚާބުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ހުސްނީ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ހުސްނީ އަށް މަރުޙަބާ ކިޔާފައެވެ.
މަޖިލިސް މެމްބަރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނީ ވަކީލެއްގެ ގޮތުގައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރަށްވާފައިވާ ހުސްނީ އެ މަގާމަށް ޢައްޔަނުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމް 26 އޮކްޓޯބަރުގައި ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވުމުން ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ހުސްވުމުންނެވެ.
ހުސްނީގެ އިތުރުން މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ކޮމިޝަންގެ މެންބަރުކަމުގައިވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް) ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ.
ޖޭއެސްސީއަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.
ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!