މާލެ ސިޓީގައި މިހާރު ހުރި ބާވެފައިވާ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްޓަކައި މާދަމާ، (30 އޮކްޓޫބަރު 2025) އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

ވަޒީރު ޝަހީމް މިއަދު ދެއްވި ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީއަކީ މި ފަޚުރުވެރި އިސްލާމީ ދިވެހިރާއްޖޭގެ ހިތެވެ. ތާރީޚީ ސިޓީއެކެވެ. ޖިހާދުގެ ރަމްޒެވެ. އަދި ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މައި ކިއްލާއެވެ. މި ސިޓީގެ އެކި ތަންތަނުގައި ޒަމާނުއްސުރެ ދައުލަތާއި އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކުރެވިފައިވާއިރު، މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

މިގޮތުން، ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް މިދިޔަ އަހަރުގައި ފެށިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ތިން ބުރިއަށް ބިނާކުރެވޭ މި ޒަމާނީ މިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އެތަން ވެސް ވަނީ ބަޔަކާ ޙަވާލުކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަރްޙަލާގައެވެ.

ވިލިމާލޭގައި ހުރި ބާވެފައިވާ ސަލާމް މިސްކިތް ތަޅާލައި، އެތަނުގައި ވެސް ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އެތަން ވެސް ވަނީ ބަޔަކާ ޙަވާލުކުރެވިފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އެ މަސައްކަތް ވެސް މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރްޙަލާގައެވެ.

ހުޅުމާލެ ފޭސް 1 ގައި ހުރި ވަގުތީ މިސްކިތް ހުރިތަނުގައި ވެސް ބޮޑު ޒަމާނީ މިސްކިތެއް ބިނާކޮށް ނިމެމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހުރިހައި މިސްކިތްތަކަކަށް ހެޔޮ އެދޭ ފަރާތްތަކުން ސްޕޮންސަރ ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތައް ނިމުމުން، މާލެ ސިޓީގައި ބާވެފައި ހުންނާނީ ހެންވޭރު މަސްޖިދު ޢަފީފުއްދީނު އެކަނި ކަމަށާއި، އެތަން ވެސް ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހުރިހައި މަޝްރޫޢަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ވަޒީރު ޝަހީމް ވަނީ މިކަމަށް މަގުފަހިކޮށްދެއްވީތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ.

މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާއިރު، އާސާރީ މިސްކިތްތައް އެގޮތުގައި ދެމިހުންނާނެ ކަމަށް ވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އަދި ޒަމާނީ މިސްކިތްތައް ބިނާކުރެވެމުން މިދަނީ އިލްމީ އަދި އިޖްތިމާޢީ ގޮތުން ވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.