ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Ad
rt

މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިލަންދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، މި އަތޮޅުން މިހާރު ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. އެއީ މިލަންދޫގެ އިތުރުން ވެރިރަށް ފުނަދޫ އިންނެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބީ ވަޢުދެކެވެ. މި ވަޢުދު މިހާރު ވަނީ ފުއްދަވާފައެވެ.

ރައީސްގެ މިލަންދޫ ދަތުރުފުޅުގައި އެރަށު ފޭސް 2 ގެ މަގުތައް ހަދަން އާރުޑީސީ އަށް، 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީ އަށް، އެއާޕޯޓް އަޅައި ހިންގަން އެމްއޭސީއެލް އަށް އަދި ފިޓްނަސް ސެންޓަރު އަޅަން ވެސް އެމްއޭސީއެލް އާއި ހަވާލުކޮށްފައިވެއެވެ. އަދި އައު ހޮސްޕިޓަލް އަޅަން ފެށުމާއި، އިސްލާމީ މަރުކަޒުގެ މަސައްކަތާއި، އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.