ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.

މާލީ ވުޒާރާއިން މިއިއަދު ބުނީ އެ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އިސްކޮށް ބައިވެރިވެވަޑައިގެންނެވި، އިންޑިއާގެ އިސް ވަފުދަކާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

Ad
rt

މި މަޝްވަރާތަކުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުއްދަތު ހަމަވުމުން އިތުރުކުރެވޭނެކަން ވަނީ ކަށަވަރުވެފައިަކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، އިންޑިއާގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކުގެ ގޮންޖެހުންތަކާއި، އަވަހަށް ނިންމުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައިވާކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލް އައު ކޮށްދެއްވައި، ދިވެހިރާއްޖޭގެ ބަޖެޓަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރަށް ޝުކުރުދަންނަވާފައެވެ.

''މި ދީލަތި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އަލުން ހަނދާންކޮށްދޭ ކަމެއް، އަދި މިއީ ދިވެހި ސަރުކާރުން ދުރު ރާސްތާގައި މާލީ ދެމެހެއްޓެނިވިކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާހަގަކުރެވޭ މިންވަރެއްގެ އެހީތެެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމެއް'' ޚަލީލް ވިދާޅުވެފަވެއެވެ.