ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި މަހުގެ 25 ވަނަ ދުވަހު (ބުދަ ދުވަހު)އެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މޯދީ އަށް މަރުޙަބާ ވިދާޅުވީ ރައީސް މުޢިއްޒެވެ.

Ad
rt

ޖުލައި 25 ވަނަ ދުވަހު ހަވީރު ބޮޑުވަޒީރު މޯދީ މާލެއަށް ވަޑައިގަތުމުން، ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސް އޮފީހުގައި އިންޑިއާއާއި ރާއްޖޭގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

މަޝްވަރާތަކަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިންޑިއާއާއި ރާއްޖޭގެ މެދުގައި މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (FTA) ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެޤައުމުން ސޮއިކުރިއެވެ. އަދި މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވިފައިވެއެވެ.