އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެމައްސަލައިގެ ތަހުގީގްގެ ބޭނުމަށް އަބްދުއްރަހުމާނާއި ގުޅުން އޮތް މީހުންނާއި، ޢާއިލާއާއި ސުވާލުކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވެފައިވަނީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހުއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރަމުން،" ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރުމަށްޓަކައި، އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ފޮނުވައިލުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!