ހަނގުރާމަ ހުއްޓާލަން ނިންމި ނިންމުމަކީ ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ.
13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައެވެ. މި ހަމަލާއަށްފަހު މަދު ގަޑިތަކެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލަން އީރާނާއި އިސްރާއީލް އެއްބަސްވެއްޖެކަމަށް ޢުއާންކޮށްފައެވެ. އެއަށްފަހު ވެސް ދެ ޤައުމުން ހަމަލާ ބަދަލުކުރިނަމަވެސް އެއްބަސްވި ވަގުތުން ފެށިގެން ހަމަލާތައް ވަނީ ހުއްޓާލާފައެވެ.
ޓްރަމްޕް ހަނގުރާމަ ހުއްޓާލަން އިއުލާނުކުރުމާ ގުޅިގެން، އެކަމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، އީރާނުގެ ބައެއް އިސްވެރިން މިހާރުވެސް ދަނީ މި ކާމިޔާބީ ފާހަގަކުރަމުންނެވެ. އަދި މިއީ ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.
ނައިބު ރައީސް މުހައްމަދު ރެޒާ އާރިފް ވިދާޅުވި ގޮތުގައި މި "ކާމިޔާބީ" އިން ދައްކުވައިދެނީ "ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެސް" އީރާނުގެ ބާރުވެރިކަން ދައްކުވައިދިން ކަމެވެ. އީރާންގެ ޕާލަމެންޓުގެ އިސްވެރިޔާ އަދި ކުރީގެ އައިއާރުޖީސީ ކޮމާންޑަރު މުހައްމަދު ބާގިރު ގަލިބާފްގެ އިސް ލަފާދޭ ފަރާތެއް ކަމުގައިވާ މަހްދީ މުހައްމަދީވެސް މިކަން "ތާރީޚީ، ބޮޑު ކާމިޔާބީއެއް" ގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އެކްސް މެދުވެރިކޮށް އޭނާ ލިޔުއްވާފައިވަނީ އައު ޒަމާނެއް ފެށިއްޖެ ކަމަށެވެ. އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ތަރުޖަމާނު ބެހްރޫޒް ކަމަލްވަންދީ ސަރުކާރުގެ ޓެލެވިޜަނަށް ވިދާޅުވެފައިވަނީ އެހެން ފަރާތްތަކަށް އެނގެންޖެހޭނެ ކަމަށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މަގުން ނައްޓުވާލެވޭނެ ފަރާތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޤާބިލްކަމާއި ކުޅަދާނަކަން ހުރި މިންވަރަށް ބަލާއިރު، ނިއުކްލިއަރ ސިނާއަތް ކުރިއަށް ދާންޖެހޭނެ، އަދި އެކަން ހުއްޓުވޭނެ ކަމެއްވެސް ނޫން" އޭނާ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!