އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި މިހާތަަނަށް 7.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއަދު ހެނދުނު 10:15 ހާއިރު ރައީސް ފެއްޓެވި ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ކުރިއަށް ގެންދަވާއިރު، ނޫސްވެރިޔާގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބަންކަރިން ޚިދުމަތުން އާމްދަނީގެ ގޮތުގައި މިހާތަަނަށް 7.2 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި 11.4 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މި ހާރުގެ ކެޕޭސިޓީއިން މި ޚިދުމަތް ފުލްސްކޭލްގައި ކުރިއަށް ގެންދަން ދަތިތައް ހުރުމުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މަޝްރޫޢު ހިންގާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުންކަމަށް ވެސް ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އާއިއެކު 9 ނޮވެމްބަރު 2024 ގައި ވަނީ ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!